ޑްރޯން ހަމަލާއެއްދީ އަލްގައިދާގެ ވެރިޔާ މަރާލައިފި

އެމެރިކާގެ ޑްރޯން ހަމަލާއެއްގައި އަލްގައިދާގެ ވެރިޔާ އައިމަން އަލް ޒަވާހިރީ މަރާލައިފި އެވެ. މިކަން އިއުލާނު ކުރެއްވީ އެ ގައުމުގެ ރައީސް ޖޯ ބައިޑަން އެވެ. ޒަވާހިރީ މަރާލީ އަފްގާނިސްތާނުގެ ވެރިރަށް ކާބ...

02 Aug 2022 | 04:31

އެމެރިކާގެ ޑްރޯން ހަމަލާއެއްގައި އަލްގައިދާގެ ވެރިޔާ އައިމަން އަލް ޒަވާހިރީ މަރާލައިފި އެވެ.

މިކަން އިއުލާނު ކުރެއްވީ އެ ގައުމުގެ ރައީސް ޖޯ ބައިޑަން އެވެ. ޒަވާހިރީ މަރާލީ އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އެމެރިކާއިން ކުރިޔަށް ގެންދާ ޓެރަރިޒަމާއި ދެކޮޅު އޮޕަރޭޝަންގައި އެވެ.

އޭނާއަށް ހަމަލާދީ މަރާލީ ގޭގެ ބެލްކަނީގައި ހުއްޓަ ޑްރޯންއެއްގައި ދެ މިސައިލް ހަރުކޮށްގެންނެވެ. އެވަގުތު އާއިލާގެ އެހެން މީހުން ކައިރީގައި ތިބި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފަ ނުވާކަމަށްވެ އެވެ.

މިހާރު އުމުރުން 71 އަހަރުގެ ޒަވާހިރީ އަލްގައިދާގެ ލީޑަރު ކަމަށް އައްޔަން ކުރީ 2011 ވަނަ އަހަރު އޭރުގެ ލީޑަރު އުސާމާ ބިން ލާދީން މަރާލުމުންނެވެ.

އެމެރިކާގެ ރައީސް ބައިޑަން ވިދާޅުވީ އުސާމާ އާއި ޒަވާހިރީ މަރާލެވުމުން ސެޕްޓެމްބަރު 11 ގައި އެމެރިކާގައި ދިން ޓެރަރިސްޓު ހަމަލާގައި ދުނިޔެ ދޫކުރި މީހުންގެ އާއިލާތަކަށް އިންސާފު ހޯދައި ދިނުމަށް ކުރަމުން އައި މަސައްކަތް ކާމިޔާބު ކުރެވުނީ ކަމަށެވެ. އެ ހަމަލާ ރޭވުމުގެ މޭސްތިރިންނަކީ އެ ދެމީހުން ކަމަށް ބައިޑަން ވިދާޅުވި އެވެ.

ބައިޑެން ވިދާޅުވީ އަފްޣާނިސްތާނަކީ ޓެރަރިސްޓުންނަށް އަމާން ތަނެއް ކަމަށް ދެން ދުވަހަކު ވެސް ވިޔަ ނުދޭނެ ކަމަށެވެ. ބައިޑަން ވިދާޅުވީ ޒަވާހިރީއަށް ހަމަލާދިނީ އެތައް މަހެއްގެ ރޭވުންތަކަށް ފަހު ސިދާ އޭނާގެ އަމުރަށް ކަމަށެވެ.

އަފްގާނިސްތާނުން ފޭބުމަށް އެމެރިކާއިން ތޯލިބާނުންނާއި އެކު އެއްބަސްވި ކަންތައްތަކުގެ ތެރޭގައި އަލްގައިދާ ފަދަ ގްރޫޕްތައް ތާލިބާނުންގެ ބާރުގެ ދަށުގައި އޮންނަ އެއްވެސް ސަރަހައްދެއްގައި ހަރަކާތްތެރިވާން ފުރުސަތު ނުދިނުން ހިމެނެ އެވެ.

އަފްގާނިސްތާނުގެ ސަރަހައްދެއްގައި މި ހަމަލާދިނުން އެގައުމުގައި ވެރިކަން ކުރާ ތޯލިބާން ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ.

ތޯލިބާނުން ބުނީ މިއީ އެމެރިކާއިން މިދިޔަ 20 އަހަރު އެ ގައުމުގައި ކޮށްފައިވާ ފެއިލްވެފައިވާ އަމަލްތަކުގެ ތަކުރާރުވުމެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ މަސްލަހަތާއި އެމެރިކާގެ މަސްލަހަތާއި އަފްގާނިސްތާން އަދި ސަރަހައްދުގެ މަސްލަހަތު ވެސް އޮތް ކަމެއް ނޫން ބުނެފައިވެ އެވެ.

ޒަވާހިރީ އަކީ މިސްރުގެ ލޮލުގެ ޑޮކްޓަރެކެވެ. އޭނާ އުސާމާ ބިން ލާދިން އާއި އެކު އަލްގައިދާގައި މަސައްކަތް ކުރަން ފެށީ 1980 ވަނަ އަހަރު މިސްރުގައި އިސްލާމިކް ޖިހާދު އުފެއްދުމުގެ މައްސަލައިގަ ޖަލަށް ލީ ފަހުން، މިނިވަން ވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް