ނޫސްވެރިޔާ ރިޟްވާން އަދި ބްލޮގަރ ޔާމީންގެ މައްސަލައިގާ ހައްޔަރުކުރި ތިން މީހުންނަށް ދައުވާކުރަން ފޮނުވައިފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ޢަބދުﷲ އާއި ބްލޮގަރ ޔާމީން ރަޝީދުގެ މައްސަލައިގާ ހައްޔަރުކުރި ތިން މީހުންނަށް ދައުވާކުރަން ފޮނުވައިފިއެވެ. އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އިސްމާއީލް ...

01 Aug 2022 | 19:02

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ޢަބދުﷲ އާއި ބްލޮގަރ ޔާމީން ރަޝީދުގެ މައްސަލައިގާ ހައްޔަރުކުރި ތިން މީހުންނަށް ދައުވާކުރަން ފޮނުވައިފިއެވެ.

އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އިސްމާއީލް އަބްދުއްރަހީމް (އިސޫ) / މ. ލެގޫންވިއު (30އ)، އަހްމަދު އިސްމާއީލް (އަހަނދު) / މއ. ފާގަފިލާ (39އ) އަދި އަހްމަދު މުއާޒް (ގަޓު މުއާ) / ދަފްތަރު އާރުއެސް 8499 (40އ) އެވެ.

އެ މައްސަލައިގައި އެ ތިން މީހުން ހައްޔަރުކުރީ މިދިޔަ ޖޫން 26 ގައެވެ. އަދި ހައްޔަރުކޮށް، މައްސަލައިގެ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ދައުވާކުރަން ފޮނުވާފައިވަނީ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުތަކާ ގުޅިގެން ޖިނާއީ ކުށްތައް ރާވައި ހިންގުމުގައި، އަދި އެ ކުށް ހިންގުމަށް މަގުފަހިކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައެވެ.

ޕީޖީން ބުނީ، އިސޫގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ގާނޫނު ނަންބަރު: 10/90 (ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި 3 ވަނަ މާއްދާއާ ހަވާލާދީ އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ. އެ ދައުވާ ކުރަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި މ. ޝައިނިންސްޓާ އަހްމަދު ރިޟުވާން އަބްދުﷲ ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރުގެ ތެރޭގައި އިސޫ ރިޟުވާނަށް ފާރަލައި، އޭނާ ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައި ވާތީ ކަމަށް ޕީޖީން ބުނެއެވެ. މީގެ އިތުރުން އުސޫގެ މައްޗަށް، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ ވެސް ވަނީ އުފުލާފައި ކަމަށް ޕީޖީން ބުނެއެވެ. އެއީ ޔާމީން ރަޝީދުގެ ބްލޮގްގަ އާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާކަމަށް ބުނެ، އޭޕްރީލް 23، 2017 ދުވަހުގެރޭ އަނިޔާވެރިގޮތަކަށް ޔާމީން ރަޝީދު މަރާލުމަށްޓަކައި، 2017 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދުއަށް ފާރަލައި، ޔާމީން ރަޝީދު މަރާލުމަށް އެހީތެރިވެދީފައި ވާތީ ކަމަށް ޕީޖީން ބުނެއެވެ.

އަހްމަދު އިސްމާއީލް (އަހަނދު) ގެ މައްޗަށް ދައުވާ ކުރަނީ، ގާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 2 ގެ (ހ) އާއި، (ށ) އާއި، (ކ)އާއި، އެ ގާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

އެއީ ރިޟްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި އަހަނދު އާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު ރިޟްވާން ރަހީނުކޮށް މަރާލާފައިވާތީ ކަމަށް ޕީޖީން ބުނެއެވެ.

މީގެ އިތުރުން އަހަނދެގެ މައްޗަށް ހާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ.

އެއީ އޭޕްރީލް 23، 2017 ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ޔާމީން ރަޝީދަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް އަހަނދެ އެހީތެރިވެދީފައި ވާތީ ކަމަށް ޕީޖީން ބުނެއެވެ.

އަހްމަދު މުއާޒުގެ މައްޗަށް ގާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 2 ގެ (ހ) އާއި، (ށ) އާއި، (ކ) އާއި، އެ ގާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ.

އެއީ ރިޟްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި، މުއާޒު އާއި، މުއާޒުގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، އޯގަސްޓް 8، 2014 ދުވަހުގެ ދަންވަރު ރިޟްވާން ރަހީނުކޮށް މަރާލާފައި ވާތީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް