އަންނަ ހަފްތާގައި ފެށޭ ދިރާސީ އާ އަހަރާއި އެކު ކިޔަވައިދޭން ފަށާނީ މީގެ ކުރިން އާންމު ހާލަތުގައި ކިޔަވައިދިން ވަގުތުތަކާއި އެގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ސޮއިކުރައްވާ މިއަދު ނެރުއްވި ސާކިއުލާއެއްގައި ބުނީ، ސްކޫލްތަކުގެ ދަންފަޅިތަކުގެ ދިގުމިނަކީ އާންމު ހާލަތުގައި ވެސް ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރަންޖެހޭ ވަގުތު ކަމަށެވެ. އެކަމަކު ފުރަތަމަ ދެ ހަފުތާގައި މާލޭ ސިޓީގެ ސްކޫލްތަކުގެ ކިޔެވުން ފެށޭ ގަޑި އެކި ގުރޭޑުތަކަށް ތަފާތުކޮށް، ވިހާ ވެސް ތޮއްޖެހުން ކުޑަވާނެ ގޮތަށް އިންތިޒާމު ކުރަން ވަނީ އަންގައިފަ އެވެ.
ކޯވިޑުން ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އާ އުސޫލެއް ސްކޫލުތަކަށް ކަނޑައަޅާފައިވާއިރު، އިތުރު ހަރަކާތްތައް ފެށޭނީ އުމުރުން 12 އަހަރުން މަތީގެ ހުރިހާ ކުދިން ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުންނެވެ. ސާކިއުލާގައި ވަނީ ކޯވިޑުން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހިމަނާފައި އެވެ.
މި އޮގަސްޓް މަހު ރާއްޖެ އިން ބޭރުން އެނބުރި އައިސްފައިވާ ސްކޫލުތަކުގެ މުވައްޒަފުންނާއި ދަރިވަރުން، 5-7 ދުވަހުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތްތޯ ކަށަވަރުކުރުން.
- މި އޮގަސްޓް މަހުން ފެށިގެން މޮނިޓަރިންގައި އޮތް ރަށްރަށުން ދަތުރުކުރާ ސްކޫލްތަކުގެ މުވައްޒަފުންނާއި ދަރިވަރުން، 5-7 ދުވަހުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތްތޯ ކަށަވަރުކުރުން.
- ދަރިވަރުންނަށް މާސްކާ ނުލައި ތިން ފޫޓު ދުރުމިނުގައި، ތޮއްޖެހިގެން ނުތިބެ ހެލިފެލިވެ އުޅެވޭނެ ވަގުތުކޮޅެއް ޓޭބަލުގައި ހިމެނުން.
- އިންޓަވަލް ގަޑީގައި ދަރިވަރުން ތިން ފޫޓު ދުރުގައި ތިބެގެން ކެވޭނެ އިންތިޒާމު ހަމަޖެއްސުން.
- ހައި ރިސް ކެޓަގަރީގައި ހިމެނޭ ކުދިންނަށް މާސްކާ އެކު ފޭޝް ޝީލްޑް ބޭނުންކުރަން ފުރުސަތު ދިނުން.
ސްކޫލްގެ މުވައްޒަފުން ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފައި ވީ ނަމަވެސް، ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލެނބުމަށް ވެސް އަންގާފައި ވެ އެވެ.
މީގެ އިތުރުން ކޯވިޑް ކޮންޓްރޯލް ކުރުމަށް ކްލާސްތަކުގައި ވައި ދައުރުވާ ގޮތަށް ހުރިހާ ވަގުތެއްގައި ވެސް ދޮރުތައް ހުޅުވާފައި ބެހެއްޓުމާއި އިޖުތިމާއީ ގައިދުރުކަން ކްލާސްތަކުގައި ބެހެއްޓުމާއި އޭސީ ހަރުކޮށްފައިވާ ކްލާސްތަކުގައި ކުދިންގެ މެދުގައި ތިން ފޫޓުގެ ދުރުމިން ބެހެއްޓުމެވެ.
ކުދިން ސްކޫލަށް ވަންނައިރު މާސްކު އެޅުމާއި ހުން ބެލުމާއި އަތްދޮވުމާއި ސެނިޓައިޒްކުރުމާއި ޑިސްއިންފެކްޓްކުރުން ފަދަ ކަންކަން ކުރިން ވެސް ކުރަމުން އައި ގޮތަށް ކުރަން ވަނީ އަންގައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް