ކޮވިޑު ދިފާއު ވެކްސިން ކަމަށްވާ މޮޑާނާއާއި ފައިޒާގެ އަގު، އެ ވެކްސިން ތައްޔާރު ކުރާ ކުންފުނިތަކުން ބޮޑު ކޮށްފިއެވެ.
މި ދެ ވެކްސިންގެ އަގު ބޮޑު ކޮށްފައި ވަނީ ވިލާތުގެ އިއްތިހާދާއިއެކު ވެފައިވާ އައު ވެކްސިން ސަޕްލައި ކުރުމުގެ އެއްބަސްވުމުގައި ކަމަށް ފައިނޭންޝިއަލް ޓައިމްސްއިން މައުލޫމާތު ދެއެވެ. އެގޮތުން، ފައިޒަރ ވެކްސިން ޑޯޒެއްެގެ އަގު 18.39 ޑޮލަރުން 23.15 ޑޮލަރަށް އުފުލިފައި ވާއިރު، މޮޑާނާ ވެކްސިން ޑޯޒެއްގެ އަގު 22.60 ޑޮލަރުން 25.50 ޑޮލަރަށް އުފުލިފައިވާ ކަމަށް އެ ނޫހުން ބުނެއެވެ.
އަލްޖަޒީރާއިން މިކަމާއި ގުޅިގެން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުން ކޮވިޑް19 ގެ ޑެލްޓާ ވޭރިއެންޓާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި، ގިނަ ޤައުމުތަކުން ވެކްސިންގެ އިތުރު ޑޯޒުތައް ޖެހުމަށް މަސައްކަތް ކުރަމުން އަންނާތީ ވެކްސިންގެ ޑިމާންޑު އަންނަނީ އުފުލެމުންނެވެ. "ބޫސްޓަރ" ޑޯޒެއްގެ ގޮތުގައި އިތުރު ޑޯޒެއް ދިނުމަށް މަސައްކަތް ކުރަނީ ވެކްސިނުން ލިބިދޭ ދިފާއީ ބާރު ގަދަ ކުރުމަށެވެ.މިކަމާއި ގުޅޭ ގޮތުން މިހާތަނަށް ފައިޒަރ އަދި މޮޑާނާއިންވެސް ރަސްމީކޮށް މީޑިއާތަކަށް މައުލޫމާތު ހިއްސާ ކޮށްފައެއް ނުވެއެވެ.
މި އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުން ބޮޑެތި މީހުންގެ އާބާދީގެ 70 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކުރުމަށް އަމާޒު ކޮށްފައިވާ ކަމަށް ވޭތުވެ ދިޔަ ހަފްތާގެ އަންގާރަ ދުވަހު ޔޫރަޕިއަން ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެހާތަނަށް ބިލިއަނަކަށް ވުރެ ގިނަ ވެކްސިން ޑޯޒު ހޯދޭނެ ކަމަށް ޤަބޫލު ކުރާ ކަމަށްވެސް ވިލާތުގެ އިއްތިހާދުން ވަނީ ބުނެފައެވެ.
ނަމަވެސް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ އިތުރު ޑޯޒުތައް ދިނުމުގެ ބަދަލުގައި ފަޤީރު ޤައުމުތަކަށް ވެކްސިން ހަދިޔާ ކުރުމަށް މުއްސަނދި ޤައުމުތަކަށް ގޮވާލާފައެވެ.ޚާއްސަކޮށް އޭޝިއާއާއި އެފްރިކާ ބައްރުގެ ޤައުމުތަކުގައި ހަލުއި ކަމާއިއެކު ކޮވިޑު ފެތުރެމުން ދާއިރު، އާބާދީގެ ބޮޑު ބައަކަށް ވެކްސިން ލިބިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
މިހާތަނަށް އިސްރާއީލުން އެ ޤައުމުގެ 60 އަހަރުން މަތީގެ އާބާދީއަށް "ބޫސްޓަރ" ޝޮޓުތައް ދޭން ފަށާފައި ވާއިރު، އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުންވެސް އަންނަ މަހުން ފެށިގެން ބޫސްޓަރ ޝޮޓްތައް ދޭން ފަށާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް