ޑިންގީއެއްގައި ލ. މާމެންދޫ އަށް ދަތުރު ކުރަމުން ދަނިކޮށް 2019 ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ ގެއްލުނު، މަރިޔަމް ޝިމާއަށް ވީގޮތެއް ސަރުކާރުން ސާފުކޮށް ނުދޭތީ ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ސުވާލު އުފައްދައިފިއެވެ.
އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިމާއަށް ވީގޮތެއް މިހާ ގިނަ ދުވަސް ވީއިރުވެސް ނޭނގުނީ ކީއްވެތޯ އެވެ. އަދި ޝިމާގެ މައްސަލައަށް ހުރަސް އަޅަނީ ކާކުތޯ ވެސް އާދަމް ޝަރީފް ސުވާލު ކުރެއްވިއެވެ.
މި ވެރިކަމުގައި މިގޮތައް ގެއްލިފައިވާ އަދި އިހުމާލުވެފައިވާ މީހުންގެ ވާހަކަ ނުދައްކަނީ ކީއްވެތޯ ވެސް އާދަމް ޝަރީފް ސުވާލު ކުރެއްވިއެވެ. އޭނާ ވިދާޅުވީ މަރު ކޮމިޝަނަށް މިސަރުކާރުގެ ވެރިކަން ހާޒިރު ކުރާނެ ދުވަސް ދުރު ނޫން ކަމަށެވެ.
ޝިމާ ގެއްލުނު ހާދިސާ މަރު ކޮމިޝަނުން ތަހްގީގު ކުރުމަށް ބައެއް ފަރާތްތަކުން ވަނީ އެދިފައެވެ.
ނަމަވެސް އެކޮމިޝަން އުފެއްދެވީ 2012 ވަނަ އަހަރުން ފެށިގެން 2018 ނޮވެމްބަރ 17 ވަނަ ދުވަހާއި ދެމެދު ހިނގި ހާދިސާތައް ތަހްގީގު ކުރަން ކަމަށް ވާތީ ޝިމާ ގެއްލުނު ހާދިސާ ތަހްގީގު ކުރުމުގެ މެންޑޭޓެއް ކޮމިޝަނަކަށް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް