ލީކުވި އޯޑިއޯ އާއި ގުޅިގެން ސިފައިންތަކެއް ބަންދު ކުރި ވާހަކަ ދޮގުކޮށްފި

ސިފައިންގެ ސްޕެޝިއަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)އާ ބައްދަލު ކުރައްވައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ ލީކުވި މައްސަލައިގަ ސިފައިންތަކެއް، ސިފައިންގެ މަރުކަ...

02 Aug 2017 | 17:35

ސިފައިންގެ ސްޕެޝިއަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)އާ ބައްދަލު ކުރައްވައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ ލީކުވި މައްސަލައިގަ ސިފައިންތަކެއް، ސިފައިންގެ މަރުކަޒުގައި ބަންދު ކުރި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަ ދޮގުކޮށްފި އެވެ.

މި ވާހަކަ ފެތުރެމުންދަނީ ސޯޝަލް މީޑިއާގައި އެވެ. އެ މެސެޖުތަކުައި ބުނެފައިވަނީ އޯޑިއޯ ލީކުވި މައްސަލައިގެ ތަހުގީގަށް ސިފައިންގެ މަރުކަޒަށް ގެންދިޔަ އެސްޕީޖީގެ އޮފިސަރުންތަކެއްގެ ހަބަރެއް ނުވެގެން އާއިލާތަކުން ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށެވެ.

އެކަން ދޮގުކޮށް މިރޭ އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް މީޑިއާއަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ގިނަ އަދަދެއްގެ ސިފައިން ބަންދުކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އޭނާ ވިދާޅުވީ ސިފައިންތަކެއް ބަންދުކޮށް ތަހުގީގެއް ހިނގަމުން ނުދާ ކަމަށެވެ.

ސިފައިން ބަންދުކުރުމާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޯޑިއޯ ލީކުވުމާ ގުޅިގެން އެސްޕީޖީ އޮފިސަރުންގެ ފޯނު ވެސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ އަމަލަކީ ބިރު ދެއްކުން ކަމަށް ވިދާޅުވެ އެކަން ހުއްޓައިލުމަށް ނަޝީދު ގޮވާލައްވާފައިވެ އެވެ.

https://twitter.com/MohamedNasheed/status/892772294384173056?ref_src=twsrc%5Etfw&ref_url=https%3A%2F%2Fmihaaru.com%2Fnews%2F21539

ލީކުވެފައިވާ އޯޑިއޯގައި މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސިފައިން ގާނޫނާ ހިލާފު އަމަލެއް ހިންގާފައި ނުވާ ކަމަށެވެ. މަޖިލީހަށް ގަދަކަމުން ވަންނަވައި ގޯސް ހެއްދެވީ މެމްބަރުން ކަމަށާއި އެހެންވެ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހުގީގު އަވަހަށް ނިންމައިދޭން ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އަރިހުގައި އެދިފައިވާނެ ކަމަށެވެ.

އަދި އެ ތަހުގީގު އަވަސް ކޮށްދިނުމަށް ފުލުހުންގެ ވެރިންނާއި ހޯމް މިނިސްޓަރަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.  ސިފައިންގެ ކެތްތެރިކަމުގެ ވާހަކަ ފާހަގަ ކުރައްވައި އާދަމް ޝަރީފު ވިދާޅުވެފައި ވަނީ 31 ޖުލައި ވީ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގެ އަމަން ބެލެހެއްޓެވުމަށް އޭނާ ވަޑައިގެންނެވި ނަމަ "އެތަނުން މީހެއްގެ ދަތްދޮޅި ދުއްވާލެވުނީސް،" ކަމަށެވެ.

އެ އޯޑިއޯއާ ގުޅިގެން، ޑިފެންސް މިނިސްޓަރު ވަކިއެއްޗެއް އަދި ވިދާޅުވެފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް