މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އިއްޔެއިން ފެށިގެން (01-08-2017) ހަމަޖައްސަވާފައި ވަނީ އަލްފާޟިލާ ފާތުމަތު މުނާ އެވެ. ފާތުމަތު މުނާ އަކީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިންގެ ދާއިރާއިން ތައުލީމު ޙާސިލް ކުރުމުގެ އިތުރުން ލީޑާރޝިޕް އެންޑް އޮފީސް މެނޭޖްމަންޓް ރޮނގުން ވެސް ތަޢުލީމް ހާސިލް ކުރައްވަފައިވާ ބޭފުޅެއް ވެސް މެއެވެ.
އަލްފާޟިލާ ފާތުމަތު މުނާގެ ސަރުކާރުގެ ޚިދުމަތް ފެށިގެންދިޔައީ ނޮވެމްބަރ 2005 ވަނަ އަހަރު ގއ. އަތޮޅު އޮފީހިގެ ސެކްރެޓަރީއެއްގެ މަޤާމުންނެވެ. އޭގެފަހުން ވަނީ ސަރުކާރުގެ އެކިއެކި މުއައްސަސާ ތަކުގެ އެކި މަޤާމުތައް ފުރުއްވާފައެވެ. މިގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކޯޕަރޭޓްއެފައާޒުގެ ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓަރަކްޗަރގެ އ. ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް ހެލްތްގެ އ. އެޗް. އާރު އޮފިސަރ މަޤާމުގެ މަސްޢޫލިއްޔަތުތައް އަދާ ކުރައްވާފައިވެއެވެ.
މިކަމަނާ ވަނީ ހައުސިންގ މިނިސްޓްރީގެ ޕްރޮކިއުމަންޓް ސެކްޝަންގެ އިސްވެރިޔާގެ މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާ ކުރައްވާފައެވެ. އަދި މީގެއިތުރުން އެ މިނިސްޓްރީން ހިންގާ ހިޔާ ރިކްރިއޭޝަން ކްލަބްގެ ނާއިބް ރަޢީސާ ގެ މަސްޢޫލިއްޔަތާއި ވާޖިބުތައް އަދާ ކުރައްވާފައިވާއިރު ވަޒީފާ އަދާކޮށްފައިވާ އިދާރާތަކުގެ މުވައްޒަފުންގެ ކަންތައްތައް ވެސް ބަލަހައްޓާފައިވެއެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލް ކޯޕަރޭޓްއެފައާޒް ޑިރެކްޓަރ ކަމުގެ މަޤާމުގައި ހުންނަވައިގެން އެކި ފަހަރު މަތިން ކައުންސިލް ހިންގުމުގެ ޒިންމާ ނަންގަވައި އެ ޒިންމާވެސް ވަނީ އަދާކުރައްވާފައެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މާލީ ޒިންމާދާރު އިސް ވެރިއާގެ މަސްޢޫލިއްޔަތުތައް އަދާ ކުރުމުގެ އިތުރުން، ބިޑް ކޮމެޓީގެ މުގައްރިރު ކަމާއި، މުރާޖާ ކޮމެޓީގެ މުޤައްރިރު ކަމާއި އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމެޓީގެ ނައިބް މުގައްރިރުކަން ވެސް ކުރައްވާފައެވެ. ސަރުކާރުގެ އެކިއެކި ވަޒީފާތައް އަދާކުރެއްވުމުގެ އިތުރުން ހޮބީއެއްގެ ގޮތުގައި ހެދުން ޑިސައިންކޮށް ފެހުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް