ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރަން ޕާލޭއާއެކު ބީއެމްއެލް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރަން ޕާލޭ މޯލްޑިވްސްއާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ތިމާވެށި ރައްކާތެރިކުރުމުގެ އާ ޕްރޮ...

02 Jul 2025 | 12:39

ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރަން ޕާލޭ މޯލްޑިވްސްއާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ތިމާވެށި ރައްކާތެރިކުރުމުގެ އާ ޕްރޮގްރާމް، އީއެންވީ ޕީއޯއެސްގެ ދަށުން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ޕާލޭ މޯލްޑިވްސްއާއެކު ގުޅިގެން މަސައްކަތް ކުރުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

"އީއެންވީ ޕީއޯއެސްގެ ދަށުން، ބީއެމްއެލްގެ ކާޑު މެޝިންތަކުން ކުރެވޭ ކޮންމެ މުޢާމަލާތަކަށް، ކަސްޓަމަރު އަދި ވިޔަފާރިވެރިތަކުން އަތުން އެއްވެސް އަދަދެއް ނެގުމެއްނެތި، ބޭންކުގެ އާމްދަނީން ވަކި މިންވަރެއް ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ހޭދަކުރަން ވަނީ ނިންމާފައި" ބީއެމްއެލް އިން ބުނެފައި ވެއެވެ.

ބީއެމްްއެލް އިން ބުނީ އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށްޓާއި ކަނޑުފަރުގެ ދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެ ކަމަށެވެ.

އެގޮތުން އީއެންވީ ޕީއޯއެސްގެ ދަށުން، ޕާލޭގެ "އެވޮއިޑް. އިންޓަރސެޕްޓް. ރީޑިޒައިން" ސްޓްރެޓެޖީގެ ތެރެއިން، ޕްލާސްޓިކް ކުނި ޖަރުމަނާއި ޓައިވާން އަދި މެލޭޝިއާއަށް ރީސައިކަލް ކުރުމަށް ފޮނުވުމުގެ މަސައްކަތުގައި ބޭންކުން ޕާލޭއަށް އެހީތެރިވެދޭނެ ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ކަނޑަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ ތަނެއް ކަމަށެވެ.

"ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކާއި ވަސީލަތްތަކަށް ނުރައްކާވަމުންދާ މިންވަރު ދަނީ އިތުރުވަމުން. އެހެންކަމުން، ކަނޑުތައް ރައްކާތެރިކުރުމަށާއި، ޕްލާސްޓިކްގެ ބޭނުން މަދުކުރުމަށާއި، ތަކެތި އުފެއްދުމުގެ ކުރިމަގު ބަދަލުކުރުމަށް ޕާލޭއިން ކުރާ މަސައްކަތަށް އެހީތެރިވެ، ބަދަލެއް ގެނައުމަށް ޕާލޭއާއެކު މަސައްކަތްކުރުމަށް ލިބުނު ފުރުސަތާމެދު އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވަން" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ މި ބައިވެރިވުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، އައު ބޭންކް ކާޑުތައް ރާއްޖެއިން ބޭރުކުރާ ޕްލާސްޓިކުން ތައްޔާރުކުރާ ޕާލޭ އޯޝަން ޕްލާސްޓިކް އިން އުފެއްދުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ ޝާހީނާ ޢަލީ ވިދާޅުވީ، ކަނޑުގެ ވެށްޓަށް މުހިންމު ބަދަލެއް ގެނައުމަށާއި، ކަނޑަށް އަޅާ ޕްލާސްޓިކް އިންޓަރސެޕްޓް ކުރުމަށް ޕާލޭއިން ކުރާ މަސައްކަތް ފުޅާކުރުމަށް ބީއެމްއެލްއާއެކު މަސައްކަތް ކުރުމަށް ލިބުނު ފުރުސަތާމެދު އުފާކުރާ ކަމަށެވެ.

"މި ބައިވެރިވުމަކީ ރާއްޖެ ދެމެހެއްޓެނިވި ނެޓް-ޒީރޯ މުސްތަގުބަލަކާ ދިމާއަށް ގެންދިއުމުގެ ހަރަކާތަށް ބާރު ލިބިގެންދާނެ ކަމެއްކަން އަޅުގަނޑަށް ޔަގީން" ޝާހީނާ ވިދާޅުވެފައި ވެއެވެ.

ބީއެމްްއެލް އިން ބުނީ އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްއިން ގެންގުޅޭ ދިގު މުއްދަތުގެ އަމާޒުގެ ދަށުން، ކަސްޓަމަރުން ދުވަހުން ދުވަހަށް ކުރާ މުޢާމަލާތްތަކުގައި އީއެންވީ ޕީއޯއެސް ޓާމިނަލްތައް ބޭނުންކޮށްގެން ފެހި މުސްތަގުބަލަކަށް މަގު ތަނަވަސްކޮށްދޭނެ ޕްރޮގްރާމެއް ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައަކާއި  އޭޓީއެމް އަދި ޑިޖިޓަލް ބޭންކިންގ ޚިދުމަތްތަކާއެކު، ބީއެމްއެލް އަކީ ރާއްޖޭގެ މާލީ ނިޒާމުގެ މުހިންމު އިދާރާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް