ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީއަށް ރައީސް މުޢިއްޒު ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑަށ...

02 Jul 2025 | 10:06

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑަށް މިއަދު ޒިޔާރަތް ކުރެއްވައިފިއެވެ.

ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑަށް މިއަދު ރައީސް ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނުގެ އަރިހުގައި ސިންގަޕޫރު ދަތުރުފުޅުގައި ބައިވެރުވެ ވަޑައިގެންނެވި ވަޒީރުންގެ ވަފްދުގެ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ރައީސް ޔޫ.އާރް.އޭ.އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ ޔޫ.އާރް.އޭ.ގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް ޕްލޭނަރ މިސް އެޑެލް ޓަން ޝިއާއޯ ލިންގް އާއި ސިންގަޕޫރުގެ ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑުގެ ޑިރެކްޓަރ (ޕޮލިސީ އެންޑް ޕްރޮޕަޓީ) މިސް ސިއާ ޓްޒޭ މިންގްއެވެ.

އަދި އެތަނުން ރައީސްއާއި، އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނަށް ވަނީ، ސިންގަޕޫރު ރައްޔިތުންގެ ލުއިފަސޭއަށް އިސްކަންދޭ، ރައްކާތެރި އަދި ސްމާޓް ދިރިއުޅުމެއް އުޅެވޭނެ ސިޓީއެއް ބިނާކޮށް، ދެމެހެއްޓުމަށް ސިންގަޕޫރުން ގެންގުޅުއްވާ ދުރުރާސްތާގެ ޕޮލީސެންޓްރިކް އާބަން ޕްލޭނިންގއާ ބެހޭގޮތުން ޕްރެޒެންޓޭޝަނެއް ދީފައެވެ.

މި ޕްރެޒެންޓޭޝަނަށްފަހު އޮތީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނިގެން، ރައްޔިތުންނަށް އަގުހެޔޮ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް އަމާޒުކުރުންވެސް ހިމަނައިގެން، ސިންގަޕޫރު ސަރުކާރުން ހިންގަވާ މަލްޓިސެކްޓޯރަލް އާބަން ޕްލޭނިންގ މަޝްވަރާތަކުގައި ޢާންމުންގެ ބައިވެރިވުން ހިމެނުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ބޭއްވި ސުވާލާއި ޖަވާބު ސެޝަނެކެވެ.

އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އާރް.އޭ.ގެ ސިންގަޕޫރު ސިޓީ ގެލެރީއަށް ޒިޔާރަތް ކުރައްވައި، ސިންގަޕޫރުގެ އާބަން ޕްލޭނިންގ އެކިއެކި މަރުހަލާތައް ބައްލަވާލައްވައި، އެ ސިޓީ ބެލެހެއްޓުމަށް ވޭތުވެދިޔަ އަހަރުތަކުގައި ކުރިމަތިވި އެކިއެކި ގޮންޖެހުންތަކާއި އެކަންކަމަށް ޙައްލުތައް ގެނެވުނު ގޮތް ބައްލަވާލައްވާފައެވެ.

ޔޫ.އާރް.އޭ. އަކީ އެތަނުގެ ޑިސްޓްރިކްޓް ކޮންޒަވޭޝަން ޕްރޮގްރާމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބައެކެވެ.

އަދި އެއީ. ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމަށް އެކަށޭނަ ތަންތަން ތަރައްޤީ ކުރުމަށް ޚާއްޞަ ކޮށްފައިވާ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް