ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކަން ނަގަންޖެހޭ ހުއްދަ މި މަހުގެ 17 ގެ ކުރިން ނަގަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހަނދާންކޮށްދީފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމަށާއި ރީ އެކްސްޕޯޓް ކުރުމަށާއި އަދި ރާއްޖޭގައި ވިއްކުމަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު އަދި ގާނޫނުގެ ދަށުން އާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވައިދު ބަޔާން ކުރާ ގޮތުގައި ދުންފަތުގެ ވިޔަފާރި ކުރުމަށް ވަކި ލައިސަންސެއް ނަގަން ޖެހޭ ކަމަށެވެ.
އަދި އެ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކުގެ ވަންގަވް ޕޯޓަލް މެދުވެރިކޮށް އެ ހުއްދަ ހޯދުމުގެ ފުރުސަތު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހުޅުވާލާ ތިން މަސް ދުވަހުގެ ތެރޭގައި ހުއްދަ ނެގުމަށް އިއުލާނުކޮށްފައި ވާނެ ކަމަށް ވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.
މިގޮތުން އެ މުއްދަތު ހަމަވާ ތާރީހަކީ ޖުލައި މަހުގެ 17 ވަނަ ދުވަސް ކަމަށާއި އެ ތާރީހަށް ފަހުގައި ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމުގައި އެޗްޕީއޭ އިން ބުނެފައި ވެއެވެ.
އެހެންކަމުން ގާނޫނު ލާޒިމުކުރާ ލައިސަންސް ނެގުމަށް ހަނދާން ކޮށްދޭ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް