ޣައްޒާގައި ކުރެވެމުންދާ ހަނގުރާމަ 60 ދުވަހަށް މެދުކަނޑާލުމަށް އިސްރާއީލުން އެއްބަސްވެއްޖެ: ޓްރަމްޕް

ޢައްޒާގައި ކުރެވެމުންދާ ހަނގުރާމަ 60 ދުވަހަށް މެދުކަނޑާލުމަށް އިސްރާއީލުން އެއްބަސްވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ނަމަވެސް، މި އެއްބަސްވުމުގެ ޝަރުތުތަކާ ބެހޭ އިތުރު ތަފ...

02 Jul 2025 | 00:52

ޢައްޒާގައި ކުރެވެމުންދާ ހަނގުރާމަ 60 ދުވަހަށް މެދުކަނޑާލުމަށް އިސްރާއީލުން އެއްބަސްވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ނަމަވެސް، މި އެއްބަސްވުމުގެ ޝަރުތުތަކާ ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނެފައިވަނީ އެމެރިކާއިން މަސައްކަތްކުރާނީ އެއްބަސްވުމުގެ މެދުވެރިންކަމުގައިވާ ޤަތަރާއި މިސްރާއެކު ސުލްހައަށް މަގުފަހިކުރުމަށް ކަމަށެވެ. އަދި ހަމާސްއަށް ގޮވާލައްވާފައިވަނީ މި ހުށަހެޅުމަށް އެއްބަސްވުމަށެވެ. މީގެ އިތުރުން، 'މިއަށްވުރެ ރަނގަޅު ހުށަހެޅުމެއް ނުލިބޭނެ' ކަމަށް ބުނެ ޓްރަމްޕް ވަނީ އިންޒާރުވެސް ދީފައެވެ.

ޓްރަމްޕްގެ މި އިޢުލާނު އައިސްފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާއެކު އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ ކުރިންނެވެ. ޓްރަމްޕް ބުނެފައިވަނީ ނެތަންޔާހޫ ބޭނުންވަނީ ހަނގުރާމަ ނިންމާލަން ކަމަށް އޭނައަށް ޤަބޫލުކުރެވޭ ކަމަށާއި، އެއްބަސްވުމަކަށް ވަރަށް އަވަހަށް ވާސިލުވެވިދާނެ ކަމަށް ލަފާކުރާ ކަމަށެވެ.

ހަމާސްއިން އަދި ޓްރަމްޕްގެ ބަޔާނަށް ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ. މީގެ ކުރިން ހަމާސްއިން ބުނަމުން އައިސްފައިވަނީ އެއްވެސް އެއްބަސްވުމެއްގައި އިސްރާއީލު ޣައްޒާއިން ފުރިހަމައަށް ފައިބައި، ދާއިމީކޮށް ހަނގުރާމަ ހުއްޓާލުން އޮންނަންޖެހޭނެކަމަށެވެ.

މި ޚަބަރު އައިސްފައިވަނީ އިސްރާއީލުން އުތުރު ޣައްޒާގައި އައު ވައިގެ ހަމަލާތަކެއްދީފައިވަނިކޮށެވެ. ހޯމަ ދުވަހު އިސްރާއީލުން ދިން އެއް ހަމަލާގައި ޣައްޒާ ސިޓީގެ މޫދު ކައިރީގައި ހުރި ކެފޭއެއްގައި 20 ފަލަސްތީނުން ޝަހީދުވިކަމަށް ރިޕޯޓުކުރެވިފައިވެއެވެ.

މި އަހަރުގެ ކުރީކޮޅު ހަނގުރާމަ ހުއްޓާލުމަށް ކުރެވުނު މަސައްކަތް ވަރަށް އަވަހަށް ނާކާމިޔާބުވިއެވެ. އެ މަސައްކަތުގައި ހިމެނުނީ ރަހީނުން ދޫކޮށްލުމާއި، އިސްރާއީލުގެ ބާރުތައް ޣައްޒާއިން ފޭބުމާއި، ދާއިމީކޮށް ހަނގުރާމަ ހުއްޓާލުން ހިމެނޭހެން މަރުހަލާތަކެކެވެ. ނަމަވެސް ހަމައެކަނި ފުރަތަމަ މަރުހަލާ ފެށުމަށްފަހު ހަނގުރާމަ އަލުން ފެށުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް