މިދިޔަ ސަރުކާރުން ރާއްޖޭގައި 61 ޕޮލިސް ސްޓޭޝަނެއް ހެދުމަށް އިންޑިޔާގެ ކުންފުންޏަކަށް އެޑްވާންސްކޮށް ފައިސާ ދިނުމަށް ފަހުގައި، އެ ސްޓޭޝަންތަކުގެ އެއްވެސް އަމަލީ މަސައްކަތެއް މިހާތަނަށް ފެނިފައި ނުވާތީ އެކަން ހިނގާ ދިޔަ ގޮތް ބެލުމަށް އޮޑީޓްކުރަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވެއްޖެއެވެ.
ކޮމިޝަނާރ މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ކުރެއްވި ދުވާލަކަށް ޖަވާބު ދެމުންނެވެ.
އަޒާން ވަނީ ކުރީ ސަރުކާރުގެ ޕޮލިސް ސްޓޭޝަން މަޝްރޫއާއި ގުޅިގެން ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ކޮމިޝަނަރ ވިދާޅުވީ މިދިޔަ ސަރުކާރުން ޕޮލިސް ސްޓޭޝަންތަކެއް އިމާރާތް ކުރުމަށް ބޭރުގެ ކުންފުންޏަކަށް ހަވާލުކޮށްފައިވީ ނަމަވެސް އެކަމުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައި ނުވާކަމަށެވެ.
އެގޮތުން61 ޕޮލިސް ސްޓޭޝަން ހެދުމުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާތީ، އެ މަޝްރޫއު ހިނގާފައި އޮތްގޮތާއި މެދު މަސައްކަތްކުރުމަށް ވެވުނު އެއްބަސްވުމަކީ ކޮބައިކަން ދެނެގަތުމަށް އޮޑިޓެއް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ. އަދި މި އޮޑިޓު ނިމުމުން އެ މަޝްރޫއުއަށް ވެފައި އޮތް ގޮތް ސާފުވެގެން ދާނެ ކަމަށް ވެސް ކޮމިޝަނާރ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ކޮމިޝަނަރ ވިދާޅުވީ، މިދިޔަ ސަރުކާރުން އެހާ ގިނަ ޕޮލިސް ސްޓޭޝަން ތަކެއް އެޅުމަށް އިންޑިޔާގެ ކުންފުންޏަކަށް ހަވާލުކޮށްފައިވަނީ ފުލުހުންގެ ޚިދުމަތަށްވެސް ނޭނގިކަމަށެވެ.
މީގެކުރިން ދާހިލީ ސަލާމަތާއި ފައްނިޔަތާބެހޭ ވުޒާރާއިން ނޫސް ވެރިންނަށް ބޭއްވި ބައްދަލުވުމެއްގައި ވަޒީރު އަލީ އިހްސާން ވިދާޅުވީ، މިދިޔަ ސަރުކާރުން ރާއްޖޭގައި61 ޕޮލިސްޓޭޝަނެއް އިމާރާތް ކުރުމަށް އިންޑިޔާގެ ދެ ކުންފުންޏަކާއި ހަވާލުކޮށް އެޑްވާންސްގެ ގޮތުގައި ވަނީ50 މިލިއަން ރުފިޔާ ދައްކާފައެވެ. އެހެން ނަމަވެސް އެ މަޝްރޫއަށް ވީނުވީ ނޭނގޭތީ އެ މައްސަލަ ބަލާ ތަޙްގީގުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަށް އަންގަވާފައި ވާކަމަށް ވިދާޅުވެފައިވެއެވެ.
އެ ކުންފުނިން ރާއްޖެއަށް ބޭރުން ފައިސާ ގެނެސް ޕޮލިސް ސްޓޭޝަންތައް61 ރަށުގައި އަޅައިދޭ ނަމުގައި އައި ކުންފުންޏެއް ނަމަވެސް އެއްވެސް ޕޮލިސް ސްޓޭޝަނެއް އެޅުމުގެ އަމަލީ އެއްވެސް މަސައްކަތެއް ހިނގާފައި ނުވާ ކަން ވަޒީރު އޭރު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި ޕޮލިސް ސްޓޭޝަންތައް އެޅޭނެ އެއްވެސް މަގެއް ވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށްވެސް ވަޒީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް