މާލޭގައި ގާއިމުކޮށްފައިހުރި ސްޓެލްކޯގެ ސަބްސްޓޭޝަންގެ ކޭބަލްތަކެއް ބުރިކޮށް ވަގަށް ނަގައިފިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން މިއަދު ބުނެފައިވަނީ މިއަދު ހެނދުނު 06:12ގައި މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް އެތަކެތި ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިހެން ބުނެފައިވާއިރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ މިއަދު އެކްސްގައި ވިދާޅުވެފައިވަނީ މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށްފަހު އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތްކޮށްފައިވާކަމަށެވެ.
"މިއީ މިކަން ކުރާ ފަރާތްތަކަށް އިންތިހާއަށް ނުރައްކާއޮތް ކަމަކަށް ވާއިރު، އަދި މިކަމުގެ ސަބަބުން ސްޓެލްކޯއަށް ލިބޭ ގެއްލުމުގެ އިތުރުން އާންމު ރައްޔިތުން ކަރަންޓުގެ ޚިދުމަތުން މަޙުރޫމްކުރެވި، ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރުމަށްޓަކައި މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި، މިކަން ކުރާ ފަރާތްތަކަށް ހިތްވަރަކަށް ވާގޮތަށް، ވަގަށް ނަގާފައިވާ މިފަދަ ތަކެތި ގަންނަ ފަރާތްތައް ހޯދައި ޤާނޫނީ ގޮތުން އެފަދަ ފަރާތްތަކާއި މެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކަމާއި ބެހޭ ފަރާތްތަކުން އަޅަމުން ގެންދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް" އެމްޑީ ވިދާޅުވެފައިވެއެވެ.
ވައްކަމުގެ މިފަދަ ކަމެއް ހިނގާފައިވާއިރު ހުޅުމާލޭ ފޭސް ދޭއްގައި ގާއިމުކޮށްފައިހުރި ސަބްސްޓޭޝަނަކުން ވައްކަންކުރަން އުޅުނު މީހަކު މީގެ ކުރިން ހިނގި ހާދިސާއެއްގައި ނިޔާވެފައިވެފައެވެ. އަދި މާލޭގައި ކަރަންޓު ކޭބަލް ވަގަށް ނެގުމުގެ މައްސަލަތައް މިފަހުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް