ޑިމޮކްރެޓްސް އަށް ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދީފި

ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޕާޓީއަށް ޖަލްސާ ބޭއްވުމުގެ ހުއްދަ މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ. މިކަން ހާމަކުރެއްވި އެ ކޮމިޝަނުގެ ނައިބު ރައީސް ...

02 Jul 2023 | 06:24

ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޕާޓީއަށް ޖަލްސާ ބޭއްވުމުގެ ހުއްދަ މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

މިކަން ހާމަކުރެއްވި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބެވެ.

ހަބީބު ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފައިވާކަމަށެވެ.

ކޮމިޝަނުން މި ހުއްދަ ދީފައިވާއިރު އެ ޕާޓީ ރަޖިސްޓްރީ ކުރުމަށްޓަކައި އެ ޕާޓީން ވަނީ 3560 ފޯރު އިލެކްޝަންސް ކޮމިޝަނަށް، މިދިޔަ މަހުގެ ފުރަތަމަ ދުވަހު ހުށަހަޅާފައެވެ. އެ ފޯމުތައް ވެރިފައި ކުރުމަށްފަހު ޖަލްސާ ބޭއްވުމުގެ ހުއްދަ މިއަދު ދީފައިވާއިރު އެ ޖަލްސާ ބޭއްވުމުގެ ކުރިން ތިން ދުވަހުގެ ނޯޓިސް އެއް ޑިމޮކްރެޓްސް އިން އީސީއަށާއި މީޑިއާތަކަށް ދޭން ޖެހެއެވެ. އެހެންކަމުން އެންމެ އަވަހަށްވެސް އެ ޕާޓީއަށް އެ ޖަލްސާ ބޭއްވޭނީ އަންނަ ބުދަ ނުވަތަ ބުރާސްފަތި ދުވަހުގައެވެ.

ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވާއިރު ޑިމޮކްރެޓްސް އިން މިހާރު އަންނަނީ ޕީޕީއެމް/ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލީޝަނާއެކު ސިޔާސީ މަޝްވަރާތައް ކުރަމުންނެވެ.

ދަ ޑިމޮކްރެޓްސް ޕާޓީއަކީ ރައީސް ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތް ކުރާ ޕާޓީއެއް ނަމަވެސް ރައީސް ނަޝީދު އަދި އެ ޕާޓީއާއި ގުޅިވަޑައިގެންފައެއް ނުވެއެވެ. އެހެން ނަމަވެސް އެ މަނިކުފާނު މިހާރު ވަނީ އެމްޑީޕީއިން ވަކިވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް