ހުޅުމާލޭގައި އިމާރާތްކުރި، "މަސްޖިދު ރަޝީދު" ރައީސް ސާލިހު ހުޅުވައިދެއްވައިފި

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މިސްކިތް، "މަސްޖިދު ރަޝީދު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުވައިދެއްވައިފިއެވެ. އެމަނިކުފާނު މި މިސްކިތް ހުޅުވައިދެއްވާފައި ވަނީ މިރޭ މިކަމަށްޓަކަ...

02 Jul 2022 | 17:52

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މިސްކިތް، "މަސްޖިދު ރަޝީދު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުވައިދެއްވައިފިއެވެ.

އެމަނިކުފާނު މި މިސްކިތް ހުޅުވައިދެއްވާފައި ވަނީ މިރޭ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

"މަސްޖިދު ރަޝީދު" އަކީ އަލް މަރްޙޫމް ޢަބްދުއްރަޝީދުގެ ހަނދާނުގައި ބިނާކޮށްފައިވާ މިސްކިތެކެވެ.

މި މިސްކިތަކީ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތަކީ އަންހެނުންނަށް ވަކިން ނަމާދުކުރޭގޮތަށް އިންތިޒާމު ހަމަޖައްސާފައިވާ މިސްކިތެކެވެ.

މި މިސްކިތް ހުޅުވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކިތް ބައްލަވާލައްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ މި މިސްކިތުގައި ކުރެވުނު މިރޭގެ ޢިޝާ ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި މިސްކިތް ބިނާކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އިންނެވެ.

މިސްކިތް ހުޅުވުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި އާރު.ސީ.ސީގެ ފަރާތުން ވަނީ މި މިސްކިތުގެ މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަހްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް