ބާޖެއް އޮޔާދާތީ ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.
އެ އިދާރާއިން ބުނީ މިއީ މާލެއިން ފުރައިގެން އިންޑިއާގެ ޓުޓްކޮރިންއަށް ދަތުރުކުރަމުންދަނިކޮށް ޓަގެއްގެ ކަފުގައި އޮތް ބާޖެއް ކަމަށެވެ. އަދި އެ ބާޖުގެ ވަޔަރުކަނޑައިގެން ގޮސް އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ.
މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން މި ބާޖުގެ ވަޔަރު ކަނޑައިގެން ގޮސްފައިވަނީ، ނ. މާފަރުގެ އިރުން 117 ނޯޓިކަލް މޭލު ބޭރުގައި އޮއްވައި ކަމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ބުންޏެވެ. އަދި މި ބާޖު އޮޔާ ގެންދަނީ އެ ސަރަހައްދުން އިރަށް ކަމަށް ވެސް ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ މި ބާޖަކީ ދިގުމިނުގައި 87.84 މީޓަރު އަދި ފުޅާމިނުގައި 24.40 މީޓަރު ހުންނަ ބާޖެއް ކަމަށެވެ. އަދި މި ބާޖުގެ ސްޓަރބޯޑް ސައިޑްގައި ފެހި ލައިޓެއް، އަދި ޕޯޓް ސައިޑްގައި ރަތް ލައިޓެއް ހުންނާނެކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެހެންކަމުން އެ ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި ޚާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މި ބާޖާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ބައްލަވައިދެއްވުމަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ އިދާރާއިން ބުންނެވެ. އަދި މި ބާޖާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް ވެސް ވަނީއެދިފައެވެ.
ފެކްސް ކުރައްވާނަމަ ކުރައްވާނީ 3391665 ނަމްބަރަށް ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް