ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން އަށް އައިޖީއެސް އިން ތަމްރީނުކުރި ޓީމް އެކުލަވާލައިފިއެވެ.
އުމުރުން 30 އަހަރުން ދަށުގެ ދެ ޖިންސުގެ ދިވެހި ޒުވާނުން ހިމެނޭ މި ޓީމުގައި ހަތް މެމްބަރުން ހިމެނެއެވެ.
އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ބުނީ އިލްމީ ގޮތުންނާއި ހުނަރުގެ ގޮތުން ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ ޒުވާނުން މި ޓީމުގައި ހިމެނޭ ކަމަށެވެ. އަދި އެއިރޮސްޕޭސް އިންޖިނިއަރުންނާއި އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖިނިއަރުންގެ އިތުރުން ކޮމްޕިއުޓަރ ސައިންސް ދާއިރާގެ ގްރެޖުއޭޓުން ވެސް ހިމެނޭ ކަމަށެވެ.
ނެނޯސެޓެލައިޓް އިންޖިނިއަރިންގ ޕްރޮފެޝަނަލް ކޯސް މި ޓީމުން މިހާރުފުރިހަމަ ކޮށްފައިވާއިރު، ސެޓެލައިޓް ޑިޒައިންކޮށް، ބިލްޑްކޮށް، ލޯންޗްކޮށް ސައިންޓިފިކް ރިސަރޗް ހަދަން ދަސްކޮށްދޭ މިކޯސް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުން ކަމަށް ވެސް އައިޖީއެސް އިންބުނެއެވެ.
ސްޕޭސް އިލްމު ފުޅާކޮށް، ސެޓެލައިޓް ލޯންޗްކޮށްދިނުމުގައި އެހީތެރިކަން ފޯރޮކޮށްދޭ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނަކީ އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސް ގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން ހަރަކާތްތެރިވެވަޑައިގައިންނަވާ ޖަމިއްޔާއެކެވެ.
ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ކުރިއަށްގެންދާ އައިޖީއެސްގެ ޗެއަރމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ މި މިޝަންގެ މަސައްކަތް ތާވަލާ އެއްގޮތަށް ބަރާބަރަށް ކުރިއަށްދާ ކަމަށާއި ޓީމު ތަމްރީނުކޮށް ނިންމައި، ސެޓެލައިޓް ޑިޒައިން ފައިނަލްކޮށް، ހާޑުވެއަރ އޯޑަރު ކުރެވިއްޖެ ކަމަށެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމާ، އިގްތިސާދީ ދަތިތަކާ ލޮކްޑައުންގެ ގޮންޖެހުމާއެކުވެސް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ.
ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ މެއިން ޕާޓްނަރަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ
ފުރަތަމަ މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓް ކުރުމެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަބެލުމުގެގޮތުން ހަދާ ސެޓެލައިޓެކެވެ.
ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން އަށް އައިޖީއެސްއިން ތަމްރީނުކުރި ޓީމް:
- ހުސައިން އައްސަދު، ރ. އަލިފުށި
- ހުސައިން ރިޒާމް، މާލެ
- އަހްމަދު އިޖާޒް، އއ. ބޮޑުފުޅަދޫ
- މަރިޔަމް މަހްރޫސާ އަބްދުއްރަހްމާން، މާލެ
- މަރިޔަމް ޝިމާނަތު، ގދ. ރަތަފަންދޫ
- މުހައްމަދު އަޝްހަމް މުޖުތަބާ، މާލެ
- މުހައްމަދު ޖުނައިދު، ހއ. އިހަވަންދޫ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް