1443 ވަނަ އަހަރު ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންގެ ފަހު ގްރޫޕް މިރޭ ފުރާނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާގުޅޭ މުއައްސަސާތަކާއެކު، ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން މިރޭ ވެސް ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ބަސްޕޮއިންޓްތަކުގައި އެހީތެރިވެ ދިނުމަށް ބޭފުޅުން ތިއްބަވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިރޭ ޙައްޖުވެރިން އެއަރޕޯޓަށް ގެންދިއުމަށް، މާލޭގައި ބަސްތަކުގެ ދަތުރުތައް އޮންނާނީ މަޖީދީމަގު، ފަރީދީމަގު، އޯކިޑުމަގު، އަމީނީމަގު އަދިބޮޑުތަކުރުފާނުމަގު ގައި ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މޫސުން ގޯސްވުމާއި ގުޅިގެން ބަސް ދަތުރުކުރާ ރޫޓްތަކަށް ވަނީ ބަދަލުގެނެސްފައިވާ ކަމަށެވެ. އެގޮތުން ވިއްސާރަވެއްޖެނަމަ ޙައްޖުވެރިންނަށް ހިޔާވެވޭނެކަހަލަ ދިމާތަކަށް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޙައްޖުވެރިން އެއަރޕޯޓަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕޮއިންޓްތަކަކީ މާލޭއިން މަޖީޖީމަގު ސްޓާރ ސިނަމާ ކައިރި، ކްލިކް ކޮމްޕިއުޓަރ، ސަންފްރަންޓް ކައިރި، އަގޯރާ ކައިރި، އުރީދޫ މޯލްޑިވްސް، އިބްރާހީމީ މިސްކިތް ކައިރި އަދި ހެންވޭރު ކެލަމް ކައިރި އެވެ. އަދި އަމީނީމަގު، އެސްޓީއޯ ސްޓާފް ކުއަރޓާސް ކައިރި، ޣިޔާސުއްދީން ސްކޫލު ކައިރި، އެމްޑަބްލިއުއެސްސީ ކައިރި، ސްޓެލްކޯ ކައިރި، ފަރީދީމަގު / އޯކިޑުމަގު ސީ ސްޕޯޓްސް ކައިރި، އެސްޓްރާބަން މޯލްޑިވްސް ކައިރި އަދި ބޮޑުތަކުރުފާނުމަގު، ޖެޑީ ނަންބަރު 5 ކައިރި އާއި އެމްޓީސީސީ ހެންވޭރު ފެރީޓަރމިނަލް ކައިރި އެވެ.
މީގެ އިތުރުން ހުޅުމާލެ ފޭސް 1 ގައި ރެޑްވޭވް ސިޓީ ސްކޮޔަރ، ހުޅުމާލޭ ހޮސްޕިޓަލް ކައިރި (މެއިން ބަސް ސްޓޮޕް)، N1 ބަސް ސްޓޮޕް ކައިރި، އަމީން އެވެނިއު ކުރިމަތީގައި ހުންނަ ބަސް ސްޓޮޕް އެވެ. އަދި ހުޅުމާލެ ފޭސް 2 ން އެމްޓީސީސީ ބީޗް ސައިޑް ބަސް ސްޓޭޝަން އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހުރިހާ ބަހެއްގެ ދަތުރުވެސް ފަށާނީ މިރޭ 7 ޖަހާއިރުން ފެށިގެން ކަމަށާއި ޙައްޖުވެރިންނާއިއެކު ބަސްތައް ދަތުރުކުރަމުންދާއިރު މި ބަސްތަކަށް ދަތިނުވާނެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޓްރެފިކް ބަލަހައްޓާނެ ކަމަށެވެ.
ޙައްޖުވެރިންގެ ކަންތައްތަކުގައި މާލެއާއި ހުޅުމާލެ، އަދި އެއަރޕޯޓް ތެރެއިން ވެސް ކަމާގުޅޭ މުއައްސަސާތަކުން ދާނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށއި މިރޭ ޙައްޖުވެރިންގެ ފްލައިޓް ފުރާނީ ރާއްޖެގަޑިން 23:30 ގައި ކަމަށް ވެސް ވަނީ ބުނެފައެވެ.
ސައުދީ އެއަރލައިނުން ޙައްޖުވެރިންގެ ދަތުރު ހަމަޖެހިފައިވާއިރު، މިރޭ 115 ޙައްޖާޖީން ފުރުމަށްވަނީ ހަމަޖެހިފައެވެ.
މިރޭ ޙައްޖުވެރިން ފުރުވަން ވަޑައިގަންނަވާ ފަރާތްތަކަށް އަނބުރާ ވަޑައިގެންނެވުމަށް ހުޅުލޭ ޕާކިންގ އޭރިއާގައި 20:00 އިން 21:30 އަށް ބަސްދަތުރުތައް އޮންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް