ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު އެންމެ ބޮޑު އެއް ގޮންޖެހުމަކަށް އޮތީ ރަށް ރަށަށް އުދައަރަމުން ދިއުމެވެ. އުދަ އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުން ދިއުމެވެ.
އިއްޔެއާއި ރޭގައިވެސް ބައެއް ރަށަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފައިވެއެވެ. ބައެއް ރަށްރަށުގެ 90 އިންސައްތަ ގޭގެއަށް ލޮނުގެ އަސަރުކޮށް ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންތަކެއް ލިބިފައިވެއެވެ. ބައެއް ފަރާތްތައް ވަގުތީ ހިޔާތަކަށް ބަދަލުކުރެވިފައިވެއެވެ.
މިއަދުވެސް ލަފާ ކުރެވެނީ އުދަ އަރަމުންދާނެ ކަމަށެވެ. ތައްޔާރު ނުވެވިއްޖެނަމަ ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އެބަ އޮތެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އަޅުގަނޑުމެން ދިވެހިންނަށް ރާޅުތައް ނުހުއްޓުވިދާނެ ކަމަށެވެ. ނަމަވެސް ރައްޔިތުންނާއި ކަމާގުޅޭ މުއައްސަސާތަކުން ގުޅިގެން ދުރާލާ މަސައްކަތްތަކެއް ކުރެވިއްޖެނަމަ ލިބޭ ގެއްލުން ކުޑަކުރެވިދާނެ ކަމަށެވެ.
އެގޮތުން މިހާރުވެސް ގިނަ ރަށްތަކުގައި މިއަދު ދިޔަވަރު ބޮޑުވާނެ ވަގުތަށް ދުރާލާ ބަލައި ރައްޔިތުންނާއި ކައުންސިލްތަކާއި ކަމާގުޅޭ މުއައްސަސާތައް ގުޅިގެން މަސައްކަތްތަކެއް ކުރެވެމުން އަންނަކަން ހިސާން ފާހަގަކުރެއްވިއެވެ.
"ރާޅު އަރާ ސަރަަހައްދުގައި ވެލި ބަސްތާ ޖެހުމާ އިމްޕެކްޓް ކުޑަ ކުރުމަށް އެ ސަރަހައްދުތަކުގައި ވަޅުކޮނުން، ކޯރު ކެނޑުން ފަދަ މަސައްކަތްތައް ގުޅިގެން ކުރެވެމުން އެބަ ދޭ" ހިސާން ވިދާޅުވިއެވެ.
މިފަދަ ކަންކަމުގައި ދިވެހިން ދައްކާ ރިވެތި މިސާލު ފާހަގަކުރައްވައި ހިސާން ވިދާޅުވީ ގުޅިގެން މަސައްކަތް ކުރެވެމުން އަންނައިރު ލިބޭ ގެއްލުން ކުޑަކުރެވިދާނެ ކަމަށެވެ.
ދުރާލާ ތައްޔާރުވުމަށް އަމިއްލަ ފަރުދުންނަށް އެ ފަރުދުންގެ ގޭބިސީ ލެވެލްގައިވެސް ކުރެވިދާނެ ބައެއް ކަންކަން އެންޑީއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
އާއްމު ރައްޔިތުންގެ މުދަލާއި އިމާރާތްތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކޮށް އެޅިދާނެކަމަށް އެންޑީއެމްއޭއިން އިލްތިމާސްކުރާ ބައެއް ފިޔަވަޅުތައް:
- ވާރޭވެހުމާއި އުދައަރައި ފެންބޮޑުވެދާނެކަމަށް ތައްޔާރުވުން
- ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަަވަޅު އެޅުން. މިގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
- ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި، ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން
- ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައުފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅޫ އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން
- ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން
- ބޭނުންނުކުރާނަަމ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.
- ކަނޑުދަތުރުކުރާ ފަރަތްތަކުން މޫސުމަށް ބަަލައިގެން ދަތުރުކުރުމަށް ސަމާލުވުން. އަދި ދަތުރަށް ނިކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުރުން.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް