ރާއްޖޭގެ މޫސުން ގޯސްވެ ރަށްރަށަށް އުދަ އަރަމުން އަންނައިރު ރޭގައިވެސް ބައެއް އިތުރު ރަށްރަށަށް އުދަ އަރައި ގެއްލުންތަކެއް ލިބިއްޖެއެވެ.
މިކަންކަން ހާމަކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަކުރި އެންމެ ފަހުގެ އަޕްޑޭޓްގައެވެ.
މިއަދުގެ އެންމެ ފަހުގެ އަޕްޑޭޓްގައި ބުނެފައިވާގޮތުގައި ރޭ ދަންވަރާއި މިއަދު ހެނދުނުވެސް ދެކުނާއި މެދުރާއްޖެ އަދި އުތުރުގެ ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރުކޮށްފައިވެއެވެ. އުތުރުގެ ރަށްތަކަށް އުދައިގެ އަސަރު ކޮންމެވެސް ވަރަކަށް ކުރިނަމަވެސް އާންމުން ދިިރިއުޅޭ ސަރަހައްދުތަކަށް އުދައިގެ އަސަރުކޮށްފައެއް ނުވެއެވެ.
ގެއްލުން ލިބޭ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭއިން އަންނަނީ ވިލަރެސް ކުރަމުންނެވެ. ގެއްލުން ކުޑަކުރުމާއި އިޖާބަދިނުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން އަންނަނީ ކުރަމުންނެވެ. ހާލުގައި ޖެހޭ ފަރާތްތަކަށް ބޭޏުންވާ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކައުންސިލް އިދާރާތަކާއި ގުޅިގެން އެންޑީއެމްއޭއިން އަންނަނީ ކުރަމުންނެވެ.
ރެއާއި ހެނދުނުގެ ބައެއް އަޕްޑޭޓްސް:
- ގދ. މަޑަވެއްޔަށް އުދައަރައި ގޭގެއަށް ލިބުނު ގެއްލުންތަކުގެ ސަބަބަބުން، ދިރި އުޅުމަށް ރައްކާތެރިނޫން 4 އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ކައުންސިލް އިދާރާއިންވަނީ ފޯރުކޮށްދީފައި. މީގެ އިތުރުންވެސް ގިނަ އާއިލާތަކެއް ވަނީ ވަގުތީ ގޮތުން ގެދޮރު ދޫކޮށް އާއިލާގެ އެހެން ގެތަކަށް ބަދަލުވެފައި.
- ގދ.ރަތަފަންދޫއަށް ރޭގައި އުދައަރައި 40 ވަރަކަށް ގެއަށް އެކިވަރުގެ ގެއްލުން ލިބިފައިވޭ
- ތ.ތިމަރަފުށްޓަށް އުދައަރައި އެއާޕޯޓާއި ރަށުގެ ގިނަ ގެތަކަށް ލޮނުވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވޭ. މިގޮތުން ގާތްގަނޑަކަށް 30އަކަށް އާއިލާތައް ވަނީ ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލުވެފައި. އަދި 1 އާއިލާއެއް މިވަގުތު ތިބީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި.
- ތ.ގާދިއްފުށްޓަށް އުދައަރައި ރަށުގެ ނަރުދަމާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ
- ތ.ކިނބިދޫއަށް އުދައަރައި %90 ގޭގެއަށް ލޮނުގެ އަސަރުކޮށް އެކިވަރުގެ ގެއްލުން ލިބިފައިވޭ
- ތ.މަޑިފުށީގެ ގާތްގަޑަކަށް 60ވަރަކަށް ގޭގެއަށް ލޮނުގެ އަސަރުކޮށް އެކިވަރުގެ ގެއްލުންތައް ލިބިފައިވޭ
- ތ.ވޭމަންޑޫއަށް އުދައަރައި ނަރުދަމާ ހަލާކުވެފައި. އަދި ގަދަވައިގެ ސަބަބުން 2 ގެއެއްގެ ފުރާޅު އެއްލާލައިގެން މަރާމާތުކުރުމުގެ މަސައްކަތް ކުރެވިފައިވޭ
- ތ.ދިޔަމިގިއްޔަށް އުދައަރައި 4 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވޭ
- ލ.،މާވަށާއި ލ.މާބައިދޫއަށް އުދައިގެ އަސަރުކޮށްފައިވޭ
- އދ. ފެންފުށްޓަށް އުދައަރައިގެން އެކިވަރުގެ ގެއްލުންތައް ލިބިފައިވޭ. މިގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 1 ގެއަކުން މީހުން ބަދަލުކޮށްފައިވޭ
- އދ. ދިއްދޫއަށް އުދައަރައި 6 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވޭ
ރަށްރަށުގެ ކައުންސިލް އިދާރާތަކާއި އާންމު ރައްޔިތުން އަދި ސިފައިންނާއި ފުލުހުން ގުޅިގެން ގެއްލުން ކުޑަކުރުމާއި ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމުގެ މަސައްކަތް އެންޑީއެމްއޭއިން އަންނަނީ ކުރަމުންނެވެ.
މިއަދާއި ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރައާއި އުދައިގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށާއި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ހުރިހާ ކައުންސިލްތަކަށް އެންޑީއެމްއާއި ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް