މޫސުން ގޯސް މި ހާލަތުގައި އެންޑީއެމްއޭގެ އިރުޝާދު

ހުޅަނގު މޫސުމުގެ ބާރު ގަދަވެ މިއަދާއި މާދަމާވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު ރައްޔިތުން ސަމާލުވާންވީ ބައެއް ކަންކަން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހިއްސާކޮ...

02 Jul 2022 | 02:17

ހުޅަނގު މޫސުމުގެ ބާރު ގަދަވެ މިއަދާއި މާދަމާވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު ރައްޔިތުން ސަމާލުވާންވީ ބައެއް ކަންކަން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހިއްސާކޮށްފިއެވެ.

މިއަދާއި މާދަމާ ހިިމެނޭހެން، ހުޅަނގާއި މެދުރާއްޖޭގެ ރަށްތަކަށް އާއްމު ވައި ގަދަވެ، ކަނޑުތައް ގަދަވެ، ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާކުރައްވައެވެ. އަދި މީގެ އިތުރުން ބޯކޮށް ވާރޭވެހި، ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް މެޓުން ބުނެއެވެ.

އާއްމު ރައްޔިތުންގެ މުދަލާއި އިމާރާތްތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކޮށް އެޅިދާނެކަމަށް އެންޑީއެމްއޭއިން އިލްތިމާސްކުރާ ބައެއް ފިޔަވަޅުތައް:

  • ވާރޭވެހުމާއި އުދައަރައި ފެންބޮޑުވެދާނެކަމަށް ތައްޔާރުވުން
  • ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަަވަޅު އެޅުން. މިގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
  • ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި، ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން
  • ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައުފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅޫ އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން
  • ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން
  • ބޭނުންނުކުރާނަަމ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.
  • ކަނޑުދަތުރުކުރާ ފަރަތްތަކުން މޫސުމަށް ބަަލައިގެން ދަތުރުކުރުމަށް ސަމާލުވުން. އަދި ދަތުރަށް ނިކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުރުން.

އެންޑީއެމްއޭއިން މި އިރުޝާދުތައް ދީފައިވާއިރު އިއްޔެއަކީވެސް މޫސުން ގޯސްވުމާއި ގުޅިގެން ރާއްޖޭގައި ހިތާމަވެރި ހާދިސާއެއް ހިނގި ދުވަހެކެވެ. އެގޮތުން 20 އަށްވުރެ ގިނަ ރަށްރަށް އެކި ވަރަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މީގެ އިތުރުން ދިމާވި ހިތާމަވެރި ހާދިސާއެއްގެ ޒުވާނެއްގެ ފުރާނަ ގެއްލިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް