ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނަނާއި ޗައިނާ އެމްބަސީގެ ސެކިއުރިޓި ވަރުގަދަކޮށްފި އެވެ.
ސަރުކާރުން މިގޮތަށް ނިންމީ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު މީހަކު ދީ ޗައިނާ އެމްބަސީ ކައިރީގައި މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ބަޔަކު ދިނުމުންނެވެ. ކާކުކަން ނޭނގޭ މީހެއްގެ އެކައުންޓަކު އިންޑިއާ ހައި ކޮމިޝަން ވަރަށް އަވަހަށް ގޮއްވައިލާނެ ކަމުގެ އިންޒާރު ދީ ޓުވީޓު ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އެ މީހާގެ އެކައުޓް ޓުވިޓާ އިން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޑިޕްލޮމެޓުންނާ ބެހޭގޮތުން ބައެއް މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ލިޔުންތަކުގެ ސަބަބުން ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެ ކަމަށާއި އަދި އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދީފައިވާތީ އެ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އިންޑިއާ އާއި ޗައިނާ އިން އެދިފައިވާ ކަމަށެވެ. އެހެންވެ، އިންޑިއާ ހައި ކޮމިޝަނާއި ޗައިނާ އެމްބަސީގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ރައްކާތެރިކަން ދިނުމަކީ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ދައުލަތުގެ ޒިންމާއެކެވެ. އަދި ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ގޮތަށް ޚަބަރުތައް ނުފަތުރަން ދިވެހި ސަރުކާރުން ގޮވައިލި އެވެ.
އިންޑިއާ ހައިކޮމިޝަނުން ވަނީ އެތަނާއި އެތަނުގެ ވެރިންގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް މީޑިއާ އާއި ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދި ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް