އައްޑޫ ސިޓީގައި އެންމެ ހަލުވި ކަމާއި އެކު ކޯވިޑް ފެތުރެމުން ދިޔަ ހިތަދޫއިން ކޯވިޑް-19 ގެ ކޭސްއެއް ނުފެންނަތާ ދެ ދުވަސް ވެއްޖެ އެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން އެންމެ ފަހުން އެ ސިޓީން ކޯވިޑްގެ ކޭސްއެއް ފެނިފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެދުވަހު ޕޮސިޓިވްވެފައިވަނީ ހިތަދޫއިން އެންމެ މީހެކެވެ.
މިވަގުތު އައްޑޫގައި ކޯވިޑަށް ޕޮސިޓިވްވި މީހުން ތިބީ ހިތަދޫ އާއި މަރަދޫގައި އެވެ. ހިތަދޫގައި މިވަގުތު ކޯވިޑަށް ފަރުވާ ދެމުންދާ 65 މީހުން ތިބި އިރު މަރަދޫގައި ތިބީ ހަ މީހުންނެވެ.
އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުން ދަނީ ހިތަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓް ކޮށްގެންނެވެ.
ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން 393 މީހުން ރަނގަޅުވެފައިވާއިރު މިފަހަރު ބަލި ފެތުރެން ފެށިފަހުން ކޯވިޑް ޖެހިފައިވަނީ 466 މީހުންނަށެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން ދެމީހުން މަރުވެފައިވެ އެވެ.
އެ ސިޓީގައި ކޯވިޑް ފެތުރޭތީ މުޅި ސިޓި މޮނިޓަރިންގެ ހާލަތަށް ގެނައެވެ. އެކަމަކު މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ ގުޅިފައިވާ ރަށްތަކެވެ. އޭގެ ތެރެއިން ކާފިއު ހިންގަމުން ދަނީ ހިތަދޫގައި އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް