ސަރުކާރުން ބޮޑު ލޯނެއް ނަގައިގެން އެއްފަހަރާ އައްޑޫ އިން ބޮޑު ސަރަހައްދެއް ހިއްކުމުގެ ބޭނުން ނިޒާރު ވިދާޅުވެދެއްވައިފި

ސަރުކާރުން ބޮޑު ލޯނެއް ނަގައިގެން އެއްފަހަރާ އައްޑޫ އިން ބޮޑު ސަރަހައްދެއް ހިއްކުމުގެ ބޭނުން މޭޔަރު އަލީ ނިޒާރު ވިދާޅުވެދެއްވައިފި އެވެ. ނިޒާރު ވިދާޅުވީ، ސަރުކާރުން ބޮޑު ލޯނެއް ނަގައިގެން އެއްފަހަރާ އ...

02 Jul 2021 | 11:27

ސަރުކާރުން ބޮޑު ލޯނެއް ނަގައިގެން އެއްފަހަރާ އައްޑޫ އިން ބޮޑު ސަރަހައްދެއް ހިއްކުމުގެ ބޭނުން މޭޔަރު އަލީ ނިޒާރު ވިދާޅުވެދެއްވައިފި އެވެ.

ނިޒާރު ވިދާޅުވީ، ސަރުކާރުން ބޮޑު ލޯނެއް ނަގައިގެން އެއްފަހަރާ އައްޑޫ އިން ބޮޑު ސަރަހައްދެއް ހިއްކުމުގެ ބޭނުމަކީ ދޭތެރެ ދޭތެރެއިން ބިން ހިއްކަން ހަދައިގެން އައްޑޫގެ ތިމާވެއްޓަށް ގެއްލުންތަކެއް ލިބެމުންދާތީ އެވެ.

ނިޒާރު މިހެން ވިދާޅުވީ އައްޑޫގެ ލޭންޑް ޔޫސް މާސްޓަރ ޕްލޭނާއި ގުޅޭ މައުލޫމާތު ދިނުމަށް ރޭ އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ.

ނިޒާރު ވިދާޅުވީ އައްޑޫގެ ބިން މިފަހަރު ހިއްކިގެން ދާނީ ކުރިއަށް މިއޮތް 30 ނުވަތަ 40 އަހަރުތެރޭ އިތުރަށް އައްޑޫގެ ބިން ހިއްކައިގެން ދެން ނުވާނެ ފަދަ ގޮތަކަށް ކަމަށެވެ.

އައްޑޫގެ 4 ސަރަހައްދެއްގެ ބިން ހިއްކުމުގެ ޕްރޮޖެކްޓް މިއަހަރުތެރޭ ބަޔަކާ ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވަނީ ދާދިފަހުން ބުނެފައެވެ. މިމަޝްރޫޢަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫގެ ގުދުރަތީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން، 228 ހެކްޓަރުގެ ބިމުގެ އޭރިޔާއެއް އުފެއްދޭނެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 'ވަން-އޮފް' މަޝްރޫއުއެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ރެޒިޑެންޝަލް، ކޮމާޝަލް، އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް އައްޑޫ ސިޓީގެ ހިތަދޫ، ހުޅުދޫ/މީދޫ (38 ހެކްޓަރު، 5 ހެކްޓަރުގެ 2 ރިސޯޓް ރަށާއި ލައިގެން) އަދި މަރަދޫ/މަރަދޫފޭދޫ (75 ހެކްޓަރު) ގައި ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫގެ މަގުތައް ތަރައްގީކޮށް ބިން ހިއްކުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ މުހިންމު ވައުދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް