ރާއްޖޭގެ ރިޒާވަށް 900 މިލިއަން ޑޮލަރުގެ އިތުރުވުމެއް

ދިވެހިރާއްޖޭގެ ރިޒާވަށް 900 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެމްއެމްއޭގެ މަހު ތަފާސްހިސާބުތައް ދައްކާގޮތުން މި އަހ...

02 Jul 2021 | 10:50

ދިވެހިރާއްޖޭގެ ރިޒާވަށް 900 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ މަހު ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މެއި މަސް ނިމުނު އިރު، ދައުލަތުގެ ރިޒާވް ވަނީ 926.1 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ފާއިތުވި އަހަރު ނިމުނު އިރު ގްރޮސް އިންޓަނޭޝަނަލް ރިޒާވްގައި ހުރީ 984.8 މިލިއަން ޑޮލަރެވެ. މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ގްރޮސް އިންޓަނޭޝަނަލް ރިޒާވްގައި ހުރި 753.5 މިލިއަން ޑޮލަރާއި އަޅާބަލާއިރު، 31 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް މި އަހަރުގެ ޖެނުއަަރީ މަހު ރިޒާވްގައި ހުރި އަދަދު ވަނީ 800 މިލިއަން ޑޮލަރަށް ދަށްވެފައެވެ.

މި އަހަރުގެ ޖެނުއަރީ މަހު ދައުލަތުގެ ރިޒާވްގައި ހުރީ 830.7 މިލިއަން ޑޮލަރެެވެ. ފެބްރުއަރީ މަހު މި އަދަދު 855.7 މިލިއަން ޑޮލަރަށް އިތުރުވި ނަމަވެސް މާރިޗު މަހު މި އަދަދު ވަނީ 844.7 މިލިއަން ޑޮލަރަށް ދަށްވެފައެވެ. ރިޒާވްގެ އަދަދު އަނެއްކާވެސް އިތުރުވެފައި މި ވަނީ އޭޕްރިލް މަހުއެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރިލް މަސް ނިމުނު އިރު ދައުލަތުގެ ރިޒާވްގައި 878 މިލިއަން ޑޮލަރު ހުއްޓެއެވެ.

މި އަހަރުގެ ފުރަތަަމަ ހަތަރު މަހު ދައުލަތުގެ ރިޒާވް 800 މިލިއަން ޑޮލަރުގައި ހުރުމަށް ފަހު 900 މިލިއަން ޑޮލަރަށް އިތުރުވެފައި މިވަނީ މެއި މަހުއެވެ. މެއި މަހުގެ 926.1 މިލިއަން ޑޮލަރަކީ އޭޕްރިލް މަހު ރިޒާވްގައި ހުރި 878 މިލިއަން ޑޮލަރާއި އަޅާބަލާއިރު 48.1 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް