ޑރ މުހައްމަދު އިޔާޒު އަބްދުއްލަތީފަކީ ރައްޔިތުންގެ އިހްތިރާމާއި އިތުބާރު ލިބިފައިވާ ދަންނަ ބޭކަލެއް ކަމަށް އަދާލަތު ޕާޓީ އިން ބުނެފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވަޒީފާއިން ވަކިކުރުމުން އަދާލަތު ޕާޓީން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރިފައެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ނެރެފައިވާ ބަޔާނުގައި އަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ޑރ. އިޔާޒުގެ މަގާމު އަލުން އިޔާދަކުރުމަށް ގޮވާލާފައިވެއެވެ.
ބަޔާނުގައި އަދާލަތު ޕާޓީން ބުނީ ޑރ. އިޔާޒާ މެދު އެ ޔުނިވާސިޓީން އެޅި ފިޔަވަޅަކީ، އެފަދަ މަގާމެއްގައި ހުންނަވައިގެން ރާއްޖޭގެ އިލްމީ ވެއްޓަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ، އަދި ރައްޔިތުންގެ އިހްތިރާމާއި އިތުބާރު ލިބިފައިވާ ދަންނަ ބޭކަލަކާމެދު، އަދުލުވެރި އިޖުރާއަތެއް ނެތި، ހަމައާއި އިންސާފުގެ ތަރާދުގެ ބޭރުން އަޅާފައިވާ ފިޔަވަޅެއް ކަަމަށެވެ. ޔުނިވާސިޓީގެ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ ޚިލާފަށް އެފަދަ އެއްވެސް ސަބަބެއް ވެސް އަދި އެ ފަދަ ހާލަތެއް ވެސް ނެތި މިފަދަ ފިޔަވަޅުތައް ދީނީ އިލްމުވެރިންނާމެދު އެޅުމަކީ އަދާލަތު ޕާޓީން ބަލައިގަންނަ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.
ބަޔާނުގައި ބުނީ އެ ނިންމުން ބާތިލުކުރަން ޖެހޭ ކަމަށާއި، ޑރ. އިޔާޒު ކުރިން ހުންނެވި މަގާމު އަލުން އިޔާދަކުރަން ޖެހޭ ކަމަށެވެ.
އާދަލަތު ޕާޓީން ބުނީ އިސްލާމްދީނަކީ ސާދަ ޤަރުނަށްވުރެ ދިގުދެމިގެން ގޮސްފައިވާ ޙަޟާރަތެއްގެ މައްޗަށް ބިނާވެފައިވާ ދީނަކަށް ވާއިރު، މި ޙަޟާރަތުގެ އެންމެ އަސާސީ ބުންޔާދަކީ ވޭތުވެދިޔަ ދިގު ތާރީޚުގައި ކުރެވިފައިވާ އިލްމީ ބަހުސްތަކާއި ހޯދިފައިވާ ހޯދުންތަކާއި ކުރެވިފައިވާ އީޖާދުތައް ކަމަށްވެފައި، އިސްލާމީ ޝަރީއަތުގެ ފަރުޢީ ބައެއް މައްސަލަތަކާ ގުޅޭގޮތުން އިލްމުވެރިންގެ މެދުގައި ބަހުސްތައް ހިނގާފައިވާއިރު، އަދި އެބަހުސްތަކަކީ ހައްގަށް ވާސިލުވުމަށް ކޮންމެހެން ލާޒިމު ވެފައި އަދި މިފަދަ ގިނަ ބަހުސްތަކަކީ މެދުކެނޑުމެއް ނެތި ހިނގަމުންދާ ބަހުސްތަކަކަށް ވާތީ، މިފަދަ އިލްމީ ބަހުސްތަކާ ގުޅޭ ހަގީގަތެއް ބަޔާންކުރުމަކީ، އެކަން ބަޔާންކުރާ އިލްމުވެރިއަކު އެ ރައުޔަކަށް ބުރަވާކަން ދޭހަކޮށްދޭ ކަމެއް ނޫން ކަމަށެވެ. އެއީ އެ ރައުޔަކީ ހައްގުގޮތް ނުވަތަ ހައްގުގޮތާ އެންމެ ގާތްގޮތް ކަމަށް ދައްކުވައިދޭ ކަމެއް ވެސް ނޫން ކަމަށް އަދާލަތުން ބުނެއެވެ.
އަދާލަތު ޕާޓީން ބުނީ އެކަމަކީ އިސްލާމްދީނުގެ އިލްމީ ޙަޟާރަތުގެ މުއްސަނދިކަން ދައްކުވައިދޭކަމެއް ކަމަށާއި، މިއިން ޒަމާނަކު ވެސް ރާއްޖެ ހުޅުވާލެވިފައި ނުވާ މިންވަރަށް ހުޅުވާލެވި، މިނިވަންކަމާއެކު ފިކުރުކޮށް އެމީހެއްގެ ބުއްދިއަށް ފެންނަގޮތާއި ޚިޔާލުތައް އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާގޮތަށް ދުލާއި ގަލަމުން ފާޅުކުރުމަކީ އަސާސީ ހައްގެއް ކަމަށް ކަނޑައަޅާފައިވާ ޒަމާނެއްގައި ރާއްޖޭގެ އެންމެ ބޮޑު ތައުލީމީ މުއައްސަސާއިން، އިލްމުވެރިން ދައްކަވާ އިލްމީ ވާހަކަފުޅުތަކަށް ހުރަސްއަޅައި ބިރުދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
މިކަމުގެ ސަބަބުން ރާއްޖޭގެ އިލްމުވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދި، އިސްލާމީ ޝަރީއަތުގެ ތަރަހައިގެ ތެރޭގައި މިނިވަންކަމާއެކު ކުރެވޭ އިލްމީ ބަހުސްތަކާއި މުނާޡަރާތަކަށް އޮންނަންޖެހޭ ތަނަވަސް ޖާގަ ގެއްލިގެން ހިނގައިދާނެ ކަމަށް އާދާލަތު ޕާޓީން ބުނެއެވެ.
މީގެ އިތުރުން އަދާލަތު ޕާޓީން ބުނީ ޑރ. އިޔާޒާ މެދު ޔުނިވާސިޓީން އެޅި ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ހަރުދަނާކޮށް އިސްލާމްދީނާ ދެކޮޅަށް ރާއްޖޭގައި ހިންގާ ޢުދުވާންތައް ހުއްޓުވުމަށް ސާބިތުކަމާއެކު ޑރ. އިޔާޒު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ނިމުމަކަށް ގެނައުމަށް ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.
ބަޔާނުގައި އެ ޕާޓީން ބުނީ މި ކަމުން ދޭހަކޮށްދެނީ ޔުނިވާސިޓީއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ކަމަށާއި، މިކަމުގެ ފަހަތުގައިވަނީ ވަކި ފަރުޢީ މައްސަލައަކާ މެދު ޑރ. އިޔާޒުގެ ޝުއޫރެއް ނޫން ކަމަށެވެ. މިއީ އުފެދި ބޮޑުވަމުން އަންނަ ޒުވާން ޖީލު ތަރުބިއްޔަތުކުރުމާއި ގައުމުގެ ސިޔާސަތު ކަނޑައެޅުމާއި މުޖުތަމައުގެ އެންމެހާ ދާއިރާތަކުން އިސްލާމްދީނުގެ އިލްމުވެރިން އެއްކިބާކޮށް އެކަހެރިކޮށްލަން ހިންގާ ނުރައްކާތެރި ރޭވުމެއްގެ ބައެއް ކަމަށް އެޕާޓީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް