މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހަންމަދު އިޔާޒް އަބްދުއްލަތީފު ވަކި ކުރީ ނާއިންސާފުން ކަމަށް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް "ދުވަސް" އަށް ވިދާޅުވީ، އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރު ކަމުން އޭނާ ވަކިކުރީ ވަރަށް ނާއިންސާފުކޮށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތީ ކޮން ޕްލޭނެއްތޯ ސުވާލުކުރުމުން، އޭނާ ވިދާޅުވީ "ވަކި ކަމެއް ނެތް" ކަމަށެވެ.
ا"لله ގެ ދީނުގައި ނެތް ކަމެއް އޭގެ ތެރެއަށް ވައްދާ, ނުވަތަ އޮތް ކަމެއް ނެތް ކަމެއް ކަމަށް ހެދުމަކީ އާދައިގެ ކުށެއް ނޫން. الله އަށް ބިރުވެތި ވެލައްވާ. މިވާހަކަ މިހެން ބުނާތީ އަޅުގަނޑަށް އަދަބު ދިންނަމަވެސް ޙަގީގަތަކީ މިއީ. ތިޔަބޭފުޅުންނަށް އަދަބު ދެވޭނީ ދުނިޔެމަތީގައި އެކަނި." ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ޑރ. އިޔާޒް މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އެމްއެންޔޫގެ ވައިސް ޗާންސިލަރު ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ، އެމްއެންޔޫގެ ލެކްޗަރާ ކަމުގެ ވަޒީފާއިން ދީނީ އިލްމުވެރިޔާ އިޔާޒް ވަކިކުރީ އެކިފަހަރު މަތިން ވާހަކަ ދެކެވި، ފަހުގެ އިންޒާރު ދިނުމަށް ފަހު ކަމަށެވެ.
އެގޮތުން މި އަހަރުގެ މާޗް މަހު އިޔާޒް ސަސްޕެންޑުކޮށް، ފަހުގެ އިންޒާރު ދިނުމުގެ ކުރިން ތިން ފަހަރެއްގެ މަތިން އިޔާޒާ ވާހަކަ ދައްކާފައިވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އިޔާޒް މަގާމުން ވަކިކުރީ، ފަހުގެ އިންޒާރަށް ފަހު ވެސް ސޯޝަލް މީޑިއާގައި، އާންމުންގެ ތެރޭ ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ އިތުރުން، ހަރުކަށި ފިކުރަށް ތާއީދުކުރާ މޭރުމުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާތީ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އިޔާޒްގެ މައްސަލަ ބެލުމަށް އެމްއެންޔޫގެ ކޮމިޓީ އަށް ހުށަހެޅި އިރު ވެސް އޭނާއާ ގުޅޭ އާންމުންގެ ފަރާތުން 190 އެއްހާ ޝަކުވާގެ ސިޓީ އެމްއެންޔޫ އަށް ލިބިފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އިޔާޒް ވަކިކޮށްފައި މި ވަނީ، އަންހެންކުދިން ހިތާނު ކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ފާޅު ކުރެއްވި ހިޔާލުތަކެއްގެ މައްސަލަ ފެންމަތިވެ، އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ބަލަމުން ދަނިކޮށެވެ. އެކަމާއި ގުޅިގެން ނުތަނަސް ކަމެއް އުފެދިފައި ވާ ނަމަ އިޔާޟް ވަނީ އާންމުންގެ ކިބައިން މައާފަށް ވެސް އެދިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް