ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއި ގުޅޭގޮތުން ދައްކާ ވާހަކަތައް ހުންނަން ޖެހޭނީ ވަކި ހަމަތަކެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާ ހައި ކޮމިޝަނާއި ވެރިން އަދި އެ ކޮމިޝަނުގެ މުވައްޒަފުންނާއި ގުޅޭގޮތުން ރާއްޖޭގެ ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަތަކާއި ގުޅިގެން އިންޑިއާ ހައި ކޮމިޝަނުން ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ. އެ ސިޓީގައި އެދިފައިވަނީ އެ ފަރާތްތަކަށް ފިޔަވަޅު އަޅައި ދިނުމަށެވެ.
ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މި މައްސަލައިގަ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވަމުން ދަނިކޮށެވެ.
ނަޝީދުގެ ޓުވީޓުގައި ވިދާޅުވީ ރާއްޖޭގައި ތިއްބެވި އިންޑިއާގެ ޑިޕްލޮމެޓުންނަށް ފާޑުކިޔަމުން ދަނީ އެމްޑީޕީ އާއި ސަރުކާރުގެ ވާދަވެރިން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ފަރާތްތަކުން އިންޑިއާ އާއި ގުޅޭގޮތުން ދައްކަވާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓާލަން ޖެހޭ ކަމަށެވެ.
https://twitter.com/MohamedNasheed/status/1410844694653800448
އިންޑިއާ ހައިކޮމިޝަނުގެ ސިޓީގައި އެދިފައިވަނީ ޑިޕްލޮމޭޓުންގެ ރައްކާތެރިކަމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ “ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް” ގެ 29 ވަނަ މާއްދާގެ ދަށުންނެވެ.
އިންޑިއާއިން އެދިފައިވަނީ މައިގަނޑު ދެ ފިޔަވަޅެއް އަޅައިދިނުމަށެވެ. އެއީ އިންޑިއާގެ ހައިި ކޮމިޝަނާއި ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްދިނުމެވެ. ދެވަނަ ކަމަކީ ނަަފުރަތާއި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް، ބައިނަލްއަގްވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުތަކުގައިވާ ފިޔަވަޅުތައް އަޅައި ދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް