ހުޅުމާލޭ ދެވަނަ ފިޔަވަހިން ހިޔާ މަޝްރުޢޫގެ ފްލެޓް ދޫކޮށްލާ ފަންނީ މުވައްޒަފުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު "ވިނަރެސް"އަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ހިޔާ މަޝްރޫޢުގެ ދާއިމީ ލިސްޓްގައި ހިމެނޭ ފްލެޓް ލިބޭ ފަރާތްތަކުން "ވިނަރެސް" މަޝްރޫޢުއަށް ކުރިމަތިލާން އެދޭނަމަ އެފުރުސަތު މިމަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
ހިޔާ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން ފްލެޓް ދޫކޮށްލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ މަޝްރޫޢުގެ ފަންނީ ކެޓަގަރީގައި ހިމެނޭ H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންގެ އިތުރުން ސިވިލް ސަރވިސް ފަންނީ ކެޓަގަރީންނެވެ. މި ފަރާތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ހުޅުމާލޭގައި އެޗްދީސީން ކުރިޔަށް ގެންދާ "ވިނަރެސް" ފްލެޓްތަކަށެވެ.
"ވިނަރެސް" މަޝްރޫޢުގައި ހިމެނެނީ 1344 ހައުސިންގ ޔުނިޓެވެ. އެއީ މުޅިންވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަޝްރޫޢުގައި 4 ބާވަތެއްގެ ޔުނިޓްތައް ހިމެނެއެވެ. އެއީ މެރީނާ ވިއު، އައުޓަރ ވިއު، އިނަރ ވިއު އަދި ސްޓޭންޑަރޑް ވިއު ފްލެޓްތަކެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ "ވިނަރެސް" މަޝްރޫޢަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުސަތުގައި އިތުރު މައުލޫމާތު ހޯދުމަށާއި މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދިފައިވާކަމަށެވެ. އެހެންކަމުން މި މުއްދަތު މިމަހުގެ 31 ވަނަދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.
ހިޔާ މަޝްރޫޢުގެ ފްލެޓް ލިބޭ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ފެށުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އަންނަނީ ތައްޔާރުވަމުންނެވެ. މި މަހުގެ 14 ވަނަދުވަހު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުވެސް ފްލެޓް ބަދަލުކުރަން ބޭނުންވާ ފަންނީ މުވައްޒަފުންނަށް 3 މަސް ދުވަހުގެ މުއްދަތެއް ލިބޭނެކަމަށެވެ. އެހެންނަމަވެސް މި ފުރުސަތު އޮންނާނީ ހުޅުވާލެވޭ ހައުސިން ޔުނިޓްތަކުގެ އަދަދު ހަމަވަންދެންނެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް