އެއީ ނާހިދާއެވެ. ޝާނީގެ ބޮޑުދައިތައެވެ. އޭރު ޝާނީ ގިސްލަ ގިސްލާފައި ރޮމުންދިޔައެވެ. ފާއިގުގެވެސް ދެލޯވަނީ ކަރުނުން ތެމިފޯވެފައެވެ.
އިތުރު އެއްވެސް އެއްޗެއް ނުބުނެ ނާހިދާ، ބިންމަތީގައި ހުރި ޝާނީގެ ހެދުންތައް ނަގަންފެށިއެވެ. އަދި ހުރިހާ ހެދުން އެއްކޮށް ބޮނޑިކޮށްލުމަށްފަހު ކިހިލީގައި ހަރުކޮށްލިއެވެ. ދެން ބިންމަތީގައި އިށީންދެއިން ޝާނީ އަތުގައި ހިފައި ކޮޅަށް ނެގިއެވެ.
" އަހަރެން މިދަނީ މީނަ ގޮވައިގެން.." ނާހިދާ ރޫރޫ އަޅާފަދަ އަޑަކުން ބުންޏެވެ. އޭނާގެ ހިތަށް ވަރަށް އަސަރުކޮށްފައި ވާކަހަލައެވެ. "މީގެފަހުން ޝާނީ އުޅޭނީ އަހަންނާއެކުގައި... އެއްވެސް މައްސަލައެއް އެބައޮތްތަ؟" ހަސީނާގެ މައިތިރި ވެފައިވާ މޫނަށް ބަލަހައްޓާއިގެން ހުރެ ނާހިދާ ބުންޏެވެ.
ޝާނީ ގޮވައިގެން ނާހިދާ ދާންފެށުމުން އެކަމާ އެއްމެ އަސަރުކުރި މީހަކީ ފާއިގެވެ. އޭނާ އަށް ދޮންތަ އޭނާގެ ލޮމަތިން ގެއްލިގެންދާ މަންޒަރު ބަލަން ކުޅަދާނަކަމަކަށް ނުވިއެވެ. އޭނާގެ ބަޑިފަޅައިގެން ދިޔައީ އެދެމައިން ގެއިން ނިކުތުމަށް ހިނގައިގަތުމުންނެވެ. ފާއިގު ކަމަކާ ގިސްލާފައި މިހާވަރަށް ދުވަހަކުވެސް ރުއިތަނެއް ހަސީނާވެސް އަދި ޝާނީވެސް ނުދެކެއެވެ. އެއާއެކު ޝަނީ ދުވެފައިއައިސް ފާއިގުގައިގައި އޮޅުލައިގަތެވެ. މީހެއްގެ ހިތުގެ އަޅާވޭން އެހެން މީހަކަށް އިހުސާސްކުރެވޭނަމަ، ފާއިގާއި ޝާނީގެ ހިތުގައި އަޅާވޭން މިއަދު ހަސީނާއަށް އިހުސާސް ކުރެވުނީކަން ކަށަވަރެވެ.
ޝާނީ ބޮޑުދައިތަ އާއެކު މާލޭ ބަދަލުވުމާއެކު އޭނާގެ ދިރިއުޅުން އެއްކޮށް ބަދަލުވެގެންދިޔައެވެ. އޭނާއަށް އުނިވެފައިވާ މަންމައެއްގެ ލޯބި ބޮޑުދައިތަ ދޭންފެށިއެވެ. ރަށްފުށުގެ ދިރިއުޅުމާއި މާލޭގެ ދިރިއުޅުމުގެ ތަފާތު ޝާނީއަށް އިހުސާސްކުރެވުނެވެ. ފަތިސް ނަމާދުކުރަން ބޮޑުދައިތަ ތެދުވެ ޝާނީއަށް ގޮވުމުން ޝާނީ ނަމާދުކޮށްލައިގެން އަނެއްކާވެސް ނިދަނީއެވެ. ދެން އޭނާ ކުރާނޭ ވަކި މަސައްކަތެއް ނޯވެއެވެ. ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަނީ ބޮޑުދައިތައެވެ.
ގެއަކީ އާދައިގެ ގެއެކެވެ. ޝާނީ އެކަނި އެއްކޮޓަރި ނިދަން ލިބުނެވެ. ބޮޑުދައިތަ ނާހިދާގެ ހަމައެކަނި ދަރި ކިޔަވަމުން ދަނީ ރާއްޖެއިން ބޭރުގައެވެ. އެހެންކަމުން ގޭގައި އުޅެން ޖެހުނީ ބޮޑުދައިތަ އާއި އޭނާގެ ފިރިމީހާ ދެން ޝާނީ އެކަންޏެވެ. ނާހިދާގެ ފިރިމީހާ ނިޒާމް އަކީ އަމިއްލަ މަސައްކަތް ކުރާމީހެކެވެ. ދޭތެރެ ދޭތެރެއިން ބައެއް މަސައްކަތުގެ ހިސާބު އޭނާ ހަދާ އުޅުނަސް އަބަދު މޭޒު ދޮށުގައި އިނދެގެން ކުރާ މަސައްކަތެއް ނިޒާމަކަށް ކަމަކު ނުދެއެވެ. އަނެއްކޮޅުން އޭނާ އަކީ ކުޅަދާނަ މީހެކެވެ. އެތަކެއް މަސައްކަތެއް އޭނާދަނެއެވެ. އިލެކްޓްރޯނިކު އެއްޗެހި މަރާމާތު ކުރުމާއި ވައިރުކުރުން ފަދަ މަސައްކަތަކީ އޭނާދަންނަ މަސައްކަތްތަކެވެ.
ޝާނީ އެގެއަށް ގެނެއުމާމެދު އޭނާގެ އެއްވެސް ޝަކުވާއެއް ނެތެވެ. ގެއަށް އިތުރު މީހަކު އައުމުން ގޭތެރޭގެ ފަޅުކަން ފިލާދާނޭކަން އޭނާވެސް ގަބޫލުކުރެއެވެ.
ކުއްލިޔަކަށް މަގަށް ނިކުތް ކާރެއްގައި، ގޯޅިން ހަލުވި ސްޕީޑްގައި ދުއްވާފައިއައި ސައިކަލް ޖެހުނު މަންޒަރު ޝާނީއަށް ފެނުނެވެ. ބެލްކަނިން މިމަންޒަރު ބަލަން އޭނާ ހުރީ މީ އޭނާއަށް އާމަންޒަރު ތަކަކަށް ވާތީއެވެ. އިރުކޮޅަކުން ޓްރެފިކް ޕޮލިހުންގެ ވެހިކަލް އައިސް އެތަނުގައި މަޑުކޮށްލިއެވެ. ޝާނީ އިން ޕޮއިންޓަކީ އެމަންޒަރު ވަރަށް ސާފުކޮށް ފެންނަތަނެކެވެ. އިސާހިތަކު އަވަސް ހަރަކާތަކާއެކު ޕްލިސް ވެހިކަލްގެ ތެރެއިން އެނިކުތް މީހާފެނުމުން ޝާނީގެ ހިތުގެ ތެޅުން އަވަސްވާންފެށިއެވެ. ޝާނީ ގުދުވެލާފައި އޭނާގެ މޫނު ރަނގަޅަށް ބަލާލިއެވެ. އެއީ ހަމަ އޭނާއެވެ. ޕޮލިސް ޔުނީފޯމްގައި އެހެރީ ހަމަ އޭނާއެވެ. ޝާނީއަށް އޭނާގެ ނޭފަތާއިއެކު އަނގައިގައި އަތްއަޅާލެވުނެވެ. ޝާނީގެ ނޭވާއަވަސްވާތީއެވެ. އޭނާއަށް ހުރި ފިޔަވަޅުމަތީގައި ހުރެވުނީ ގަބުވެފައެވެ. ބަލަބަލަހުއްޓާ ތަނުން މީހުންމަދުވެ މައްސަލަ ނިމުމަކަށްއައިސް އެންމެން އެތަނުން ގޮސްނިމިއްޖެއެވެ. ޝާނީ އަދިވެސް ހުރީ ހުރި ފިޔަވަޅުމަތީގައެވެ. ހިތަށް އަރާފައިބަމުންދާ އެތައް އެއްޗެއް ބުނެދޭންވެސް ނޭގެއެވެ.
އިރުކޮޅަކުން ޝާނީ ގޮސް ގޭތެރެއަށްވަނެވެ. އަދި ކޮޓަރިއަށް ވަދެފައި ދޮރުލެއްޕިއެވެ. އޭނާ ވިސްނާލަން އެނދުގައި އިރުކޮޅަކު އިނެވެ. އޭނާ ހިތުގެ ތެޅުމަށް އަދިވެސް ބަދަލެއް އައިހެނެއް ހީއެއްނުވެއެވެ. އަލަމާރީގައި ހުރި މޫނުބަލާ ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި އޭނާ އަމިއްލަ ހިޔަންޏަށް ބަލައިލިއެވެ. މިހާރުވެސް އޭނާ ރީއްޗެވެ. އެކަމަކު މިހާރު މާ ލަސްވެއްޖެއެވެ. އޭނާގެ އުއްމީދުތައް ދެނެއް ފުރިހަމައެއް ނުވާއެވެ. އެ ހިޔާލްތައް އައުމާއެކު އޭނަގެ ކަރު އެލުވާލެވުނެވެ. ހިތަކި ހާދަހާ މޮޔަ އެއްޗެކޭ އޭނާގެ ހިތަށް އެރިއެވެ. މީގެ ދުވަސްކޮޅެއްކުރިން އޭނާ ހީކުރީ އޭނާގެ ހިތް ހަމްޒާއަށް ދެވުނުކަމަށެވެ. ނަމަވެސް އެ މީހަކު ފެނުނު ފަހުން އޭނާއަށް މާ ތަފާތު، ނަމަވެސް އޭނާ ކުރިންވެސް ތަޖުރިބާ ކުރި އުފާވެރި ޚިޔާލުތަކެއް އަންނަންވީ ކީއްވެހެޔެވެ. ފެންދީ ހައްދަން އުޅެ އުޅެ ނުހެދުނު ގަހެއްގައި މިހާރު ކުރިފަޅަންވީ ކީއްވެހެއްޔެވެ. އޭނާ އަށް އަދިވެސް އެދުވަސްތައް ހަނދާނުގައި އެބަހުއްޓެވެ.
ޝާނީ އޭނާގެ ބޮލުގައިވާ ވޫލްކޮޅު ދަމަގެންފައި އެނދުގެ ކޮޅުގައި ބާއްވާލިއެވެ. އަދި ފާޚާނާއަށްވަދެ މޫނު ދޮވެލުމަށްޓަކައި، މޫނުދޮންނަށް ތައްޓަށްގުދުވެލަ އިސްކުރު ދޫކޮށްލިއެވެ. ފެނެއް ނައެވެ. ދެފަހަރަކު މަސައްކަތްކޮށްގެންވެސް ފެނެއްނައެވެ.
"ކިހިނެއްވީބާ" މަޑުމަޑުން ޝާނީ ބުންޏެވެ.
އިސްކުރު ބަންދުކޮށްލުމަށްފަހު ފާހާނައިން ނިކުމެ އިސްތަށިގަނޑު ވޫލުކޮޅުން އައްސާލުމަށްފަހު ޝާނީ ނިކުތީބޭރަށެވެ. އޭރު ބަދިގޭގައި ނާހިދާ އުޅެއެވެ. ޝާނީ ފެނުމުން ނާހިދާ ހިނިތުންވެލިއެވެ.
" ކިހިނެއްވީ ދަރިފުޅާ.." ހިނިތުންވެލަމުން ނާހިދާ އަހާލިއެވެ. " ބަނޑުހައިވީތަ؟"
"ކީއްވެތަ އިސްކުރުން ފެންނާންނަނީ..." ޝާނީ އަހާލިއެވެ.
" ތިވާނީ ބޭބެ ކޮންމެވެސް މަސައްކަތެއް ކުރަނީކަމަށް..." ނާހިދާ އުދާފައިހުރި ރިހަތެލީގެ ތެރެއަށް ބޯކިރުފޮދު އޮއްސާލަމުން ބުންޏެވެ. "ދެންމެއަކު އުޅުނު ކޮންމެވެސް ތާކުން ފެންލީކުވާތީ... ދައްތަ ފާހާނާއަށް ވަދޭ"
ޝާނީ ބަލާލީ ނާހިދާގެ ކޮޓަރިއަށެވެ. ދޮރުމަތީގައި ނިޒާމްގެ ފައިވާން ހުއްޓެވެ. އެހެންކަމުން ޝާނީ ޖެހިލުންވާގޮތް ވިއެވެ. އޭނާ އަކީ ލަދުވެތި ކުއްޖެކެވެ. ނިޒާމްއަކީ މާގިނައިން ޝާނީއާއި ވާހަކަދައްކާ މީހެއްނޫނެވެ. މިގޭގައި ހޭދަކުރި މަދު ދުވަސްކޮޅުވެސް ނިޒާމް މާގިނަ ވާހަކައެއް ޝާނީއަކާއި ނުދައްކައެވެ.
" ދެން ދޭ އަވަހަށް ވުޝޫކޮށްލައިގެން ނަމާދުކޮށްލަން" އޯގާތެރިކަމާއެކު ނާހިދާ ބުންޏެވެ. ހިތާ ދެކޮޅަށް ނަމަވެސް ޝާނީގޮސް ބޮޑުދައިތަ ކޮޓަރީގެ ދޮރުހުޅުވާލިއެވެ. ނިޒާމު އިނީ މޭޒުކައިރީގައި އިށީންދެލައިގެން ކޮންމެވެސް އެއްޗެއް މަރާމާތުކުރާށެވެ. ޝާނީ ވަނުމާއެކު ނިޒާމް ހިނިތުންވެލިއެވެ. ބޭރުގައި ދެކެވުނު ވާހަކަ ނިޒާމަށް އަޑުއިވުނެވެ.
" ފާޚާނާ އެހެރީ ހުހަށް" ދޮރުހުޅުވާފައި ހުރި ފާހާނާ ދައްކާލަމުން ނިޒާމް ބުންޏެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ ޝާނީ ފާހާނައާއި ދިމާއަށް ހިނގައިގަތެވެ.
" މިކޮޓަރި ފާހާނާ މާ ފަސޭހަވާނޭ.." ނިޒާމް ސަމަސާ ރާގަކަށް ބުންޏެވެ. ޝާނީ އަށް ނިޒާމް ބުނިއެއްޗެއް ރަނގަޅަކަށް ދޭހައެއް ނުވިއެވެ. ނަމަވެސް އިތުރު އެއްޗެކޭ ޝާނީ ނުބުނެއެވެ. ޝާނީ ފާހަނައަށްވަދެ ދޮރުލައްޕާލިއެވެ. ނިޒާމް އެބުނި އެއްޗަކާމެދު އޭނާއަށް ވިސްނާލެވުނީ ދެނެވެ. ތެދެކެވެ. އޭނާގެ ކޮޓަރީގެ ފާހާނައަށްވުރެ މިކޮޓަރި ފާހާނަ މާ ރީއްޗެވެ.
ޝާނީ ފާހާނާ ދޮރުލެއްޕުމާއެކު ނިޒާމް ތެދުވެގެން ގޮސް ދޮރުން ބޭރު ބަލާލިއެވެ. ނާހިދާ ރިހަކެއްކުމުގައި އަވަދިނެތި އުޅެނެވެ. ނިޒާމް މަޑުމަޑުން ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އަދި މަޑުމަޑުން ހިނގާފައިގޮސް ފާހާނާގައި ތަޅު ވަޅުގައި ލޯ ޖަހާފައި އެތެރެއަށް ބަލާލިއެވެ.
އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ ރެސްޓޯރެންޓްގައި ނިހާން އާއި ފައިނާޒް ތިބީ އެންމެ ތޮށިގަނޑާއި އެންމެ ކައިރި މޭޒުކައިރީގައެވެ. ދޭތެރެ ދޭތެރެއިން ތޮށިގަނޑު މައްޗަށް ބިންދާލާ ރާޅުގެ ލޮނު ދެމީހުންގެ ގަޔަށް ފޯރައެވެ. ނަމަވެސް ފައިނާޒް ބޭނުންވީ އެތާނގައި މަޑުކުރާށެވެ. ނިހާންވެސް ފައިނާޒް ބޭނުންވާތީ އެހެން މޭޒަކަށް ބަދަލުނުވެ މަޑުކުރީއެވެ. ބުފޭ ތައްޔާރުކޮށްފައިވާ މޭޒުތަކުގައި ތަފާތު މީރު ކާނާއިން ފަޅުފިލުވާލާފައި ހުއްޓެވެ. މުޅިތަނުގައި ހުނވަދުލެވިފައިވަނީ ވަގުތުން ތައްޔާރުކިރަމުންގެންދާ ބައެއް ޑިޝްތަކުގެ ވަހުންނެވެ. ކޮންމެ މަހެއްގެވެސް ފުރަތަމަކޮޅުމިފަދަ ރެސްޓޯރެންޓަކަށް އައުމަކީ މިދެމަފިރިން އާދައެކެވެ. އެހެންދުވަސް ދުވަހާއި ހިލާފަށް މިއަދު ފައިނާޒު އިނީ އުފާވެފައެވެ.
"އަޅެ އެ ސީފްޑް ހާދަމީދުވާނޭ..." އެވަގުތު ކައްކަމުންދިޔަ ސީފުޑް ވަހުން ކުޅުދިޔާވެފައި އިން ފައިނާޒު ނޭވާ އެތެރެއަށް ދަމާލަމުން ބުންޏެވެ.
" އެހެންވިއްޔާ މިރޭ ވާނެ ޕްރޯން ސޫޕެއް ގެންނަން..." ނިހާން ފެންތަށިން ފެންފޮދެއްބޯލަމުން ބުންޏެވެ. އެއާއެކު ފައިނާޒް ނިހާންގެ މޫނަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. އޭނާ މިރޭ މިހާއުފާވެފައި އިންކަން ނިހާންއަށް ފާހަގަވެސް ނުވަނީބާއޭ އޭނާގެ ހިތަށް އެރިއެވެ.
"ނިހާން..." އެހެން އިނދެފައި އިރުކޮޅަކުން ފައިނާޒު ވަރަށްލޯބިން ނިހާންއަށް ގޮވާލިއެވެ. އެއާއެކު ނިހާން ފައިނާޒަށް ބަލާލިއެވެ. އަދި އެދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔައެވެ. " ތޭންކްސް ނިހާން"
"ކޮންކަމަކަށް" ހައިރާންވެފައި ނިހާން އެހިއެވެ.
" އަހަރެންދެކެ ތިހާ ލޯބިވާތީ... އަހަންނަށް ތިހާ ކެއަރ ކުރާތީ" ފައިނާޒް ފެންކަޅިވެފައިވެފައި އިނދެ ބުންޏެވެ. ނިހާން ހިނިތުންވެލާފައި ފައިނާޒްގެ އަތުގައި ހިފާލިއެވެ. ހަޤީޤަތުގައި ފައިނާޒް ޝުކުރު އަދާކުރީ އޭނާގެ އެދުން މިއަދު ނިހާން ފުރިހަމަ ކޮށްދިނީތީއެވެ. މަންމައަކަށްވުމަށް ފައިނާޒް ދެކެމުން އައި ހުވަފެން ނިހާން ހަޤީޤަތަކަށް ހަދައިދިނީމައެވެ. ނަމަވެސް ނިހާން އަކަށް އަދި އެކަމެއް ނޭގެއެވެ.
"ބައެއްފަހަރު ބިރުވެސްގަނޭ..." ފައިނާޒްވެސް ނިހާންގެ އަތުގައި ބާރަށް ހިފަހައްޓާލަމުން ބުންޏެވެ. " މީހެއްގެ އެސްފީނާ ޖެހިދާނެތީ"
" އަހަރެން އަބަދުވެސް ފައި ދެކެ މިގޮތަށް ލޯބިވާނަން.... " ނިހާން ފައިނާޒުގެ ކޮލުގައި އަތް ޖައްސާލަމުން ބުންޏެވެ.
"އަހަރެން މިރޭ މިހިރީ ވަރަށް އުފާވެފައި" އެންމެފަހުން ފައިނާޒް ބުންޏެވެ. " އަހާބަލަ ކީއްވެތޯ އަހަރެން މިހާ އުފާވެފައި މިހިރީ"
"ކީއްވެތަ ފައި މިރޭ ތިހާ އުފާވީ" ހެމުން ހެމުން ނިހާން އެހިއެވެ.
"އަހަރެން ޕްރެގް" ހިނިތުންވެފައި އިނދެ ފައިނާޒް ބުންޏެވެ. އެއާއެކު ނިހާން އުފާވެރި ނަޒަރަކުން ފައިނާޒަށް ބަލާލިއެވެ. އެމީހުންގެ ހަޔާތް ފުރިހަމަ ވީ ކަމުގައި ޔަޤީން ވިއެވެ. ނަމަވެސް ފަރުދާގެ ފުރަގަހުގައި ތަގުދީރު ކުރަހަމުން ދަނީ ކީކޭކަން އެމީހުންނަކަށް ނޭގެއެވެ.
ގަޑިން ރޭގަނޑު އަށެއްޖަހަނީއެވެ. ވާހަކަފޮތެއް ހިފައިގެން އޮތްގޮތަށް ޝާނީއަށް ނިދުނީއެވެ. ކިޔަންއޮތް ވާހަކަފޮތް އޮތީ ޝާނީގެ މޭމަތީގައެވެ. ޝާނީ އޮތީ ސިޓިން ރޫމުގައި ހުރި ސޯފާގައެވެ. ބުރުނޭގި އެނބުރެމުންދިޔަ ފަންކާއިން ޖެހެމުންދިޔަ ވައިގެ ސަބަބުން ޝާނީ އޮތީ ހީކަރުވާފައެވެ. އަށެއްގެ ޚަބަރުބަލާލަން ނިޒާމް ސިޓިން ރޫމަށް ނުކުތުމާއެކު ފުރަތަމަވެސް އަޅައިގަތީ ޝާނީ އެވެ. ނާހިދާ ވަނީ ފާހާނާގައެވެ. ބޭ އިހުތިޔާރުގައި އެހެން މީހަކު ހުރިތޯ ވަށައިގެން ނިޒާމް އަށް ނަޒަރު ހިންގާލެވުނެވެ. މީހަކު ފެންނަން ނެތުމުން ނިޒާމް ޝާނީގެ ކައިރިއަށް ޖެހިލިއެވެ. އަދި އެ ޒުވާން މޫނަށް ވަރަށް ފުން ނަޒަރަކުން ބަލާލިއެވެ. ޝާނީ އޮތީ ވަރަށް ފުންނިއްޖަކަށް ގެނބިފައިކަން ނިޒާމް ދެނެގެންފިއެވެ. އޭނާ މަޑުމަޑުން ޝާނީގެ އަތުގައި ފިރުމާލިއެވެ. އަދި މަޑުމަޑުން އޭނާގެ އަތް ޝާނީގެ ހަށިގަނޑުގައި ހިންގަންފެށިއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް