ބޭންކިންގ ލައިސަންސް މަރުޙަލާއެއްގައި ހުއްދަ ނުދޭން ނިންމި ނަމަވެސް އަލުން ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮވޭ: އެމްއެމްއޭ

ބޭންކިންގ ލައިސަންސް މަރުޙަލާއެއްގައި ހުއްދަ ނުދޭން ނިންމި ނަމަވެސް "ކޫލްޑައުން ޕީރިއަޑް" އެއް ޤާނޫނުގައި ބަޔާންކޮށްފައިނުވާތީ އަލުން ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންނަކަމުގައި މޯލްޑިވްސް މ...

02 Jun 2025 | 17:53

ބޭންކިންގ ލައިސަންސް މަރުޙަލާއެއްގައި ހުއްދަ ނުދޭން ނިންމި ނަމަވެސް "ކޫލްޑައުން ޕީރިއަޑް" އެއް ޤާނޫނުގައި ބަޔާންކޮށްފައިނުވާތީ އަލުން ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންނަކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެ އޮތޯރިޓީން މިހެން ބުނެފައިވަނީ ބޭންކިންގ ލައިސަންސް ދޫކުރުމުގައި މި އޮތޯރިޓީން ޢަމަލުކުރާ އިޖުރާއަތުތަކާ ގުޅޭގޮތުން އާންމުންނަށް އޮޅޭގޮތަށް އަދި އެ އޮތޯރިޓީން ހިންގާ ލައިސަންސިންގ ނިޒާމުގެ ނަޒާހަތްތެރިކަން ގެއްލޭގޮތަށް ތެދު ނޫން ޚަބަރު މީޑިއާގައި ފަތުރަމުންދާކަމަށްބުނެ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެމްއެމްއޭގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2010/24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު)ގެ ދަށުން މި އޮތޯރިޓީން ބޭންކެއް ހިންގުމަށް ލައިސަންސް ދޫކުރުމުގައި އަމަލުކުރަނީ ތިން މަރުޙަލާއަކަށް ކަމަށާއި އެއީ، ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް ފުރިހަމަކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަރުޙަލާ އާއި، ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގެ މަރުޙަލާ އާއި، ލައިސަންސ ދިނުމުގެ މަރުޙަލާ ކަމަށެވެ.

"ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގައި މި އޮތޯރިޓީން ބަލާނީ، ލައިސަންސްއަށް އެދި ހުށަހަޅާ ފަރާތުގެ މާލީ ޤާބިލުކަމަށާއި، ސޯސް އޮފް ކެޕިޓަލްއަށާއި، ޙިއްސާދާރުންނާއި ސީނިއަރ މެނޭޖްމަންޓްގެ ފިޓް އެންޑް ޕްރޮޕަރއަށާއި، ހުށަހަޅާފައިވާ ބިޒްނަސް ޕްލޭން އަށް، މި މަރުޙަލާގައި ހުށަހެޅުން ފުރަތަމަ ވަޒަންކުރާނީ، މި އޮތޯރިޓީގެ ލައިސަންސިންގ ސެކްޝަނުން، މި ސެކްޝަނުން ހުށަހެޅުން ވަޒަންކުރުމަށްފަހު، އެ ހުށަހެޅުމާއި އެ ސެކްޝަނުގެ ލަފާ ގެންދާނީ މި އޮތޯރިޓީގެ "އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިންގ" އަށް،  އަދި މި ކޮމިޓީން ހުށަހެޅުން ވަޒަންކުރުމަށްފަހު، އެ ކޮމިޓީގެ ލަފަޔާއެކު ގަވަރުނަރަށް ހުށަހެޅުމުން، އެ ހުށަހެޅުން އޮތޯރިޓީގެ ބޯޑަށް ހުށަހަޅައި، ލައިސަންސް ދިނުމާގުޅޭ ގޮތުން ގޮތެއް ނިންމާނީ އޮތޯރިޓީގެ ބޯޑުން" އެމްއެމްއޭއިން ބުނެފައިވެއެވެ.

އެގޮތުން އެ އޮތޯރިޓީގެ ބޯޑުން ލައިސަންސް ދިނުމަށް ނިންމައިފިނަމަ، ލައިސަންސްއަށް އެދި ހުށަހެޅި ފަރާތަށް ފުރަތަމަ ދޫކުރާނީ "ކޮންޑިޝަނަލް" ހުއްދައެއް ކަމަށާއި އޭގެ ބޭނުމަކީ، ވަކި ކަންކަމެއް ފުރިހަމަ ކުރުމަށް (މިސާލަކަށް، ކުންފުނި ރަޖިސްޓަރ ކުރުމަށާއި، އައިޓީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށާއި، ތަން އޮޕަރޭޝަނަލައިޒް ކުރުމަށް) މުއްދަތެއް ދިނުން ކަމަށާއި އަދި މި މުއްދަތުގެ ތެރޭގައި، ބޭންކުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްފިނަމަ، އޮތޯރިޓީއިން އެތަނެއް އެސެސް ކުރުމަށްފަހު އޮޕަރޭޝަން ފެށުމަށް ލައިސަނސް ދޫކުރާނެކަމަށް ބުނެފައިވެއެވެ.

"ބޭންކިންގ ލައިސަންސްއަކަށް އެދި އޮތޯރިޓީއަށް ހުށަހަޅާ ހުށަހެޅުމަކަށް މަތީގައި ދެންނެވި މަރުޙަލާގެ ދަށުން ބޯޑުން ހުއްދަ ނުދިނުމަށް ނިންމި ނަމަވެސް، އަލުން ލައިސަންސްއަށް އެދި ހުށަހެޅުމުގެ ކުރިން "ކޫލިންގ އޯފް ޕީރިއަޑް" އެއް ޤާނޫނުން ލާޒިމުނުކުރާތީ، އަލުން ލައިސަންސްއަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮވޭ، މިގޮތުން، އަލުން ލައިސަންސް އަށް އެދި ހުށަހެޅުމުން އައު އެޕްލިކޭޝަނެއްގެ ގޮތުގައި އެ ހުށަހެޅުން ވަޒަންކުރުމަށްޓަކައި، މުޅި އިވޭލުއޭޝަން މަރުޙަލާ އަލުން ހިންގޭނެ،  އަދި ލައިސަންސް ދޫކުރެވޭނީ، އެ ހުރިހާ މަރުޙަލާތަކެއް ފުރިހަމަކުރުމަށްފަހު، ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާކަމަށް ބޯޑުން ނިންމައި، ލައިސަންސް ދިނުމަށް ބޯޑުން ނިންމުމުން" އެމްއެމްއޭއިން ބުނެފައިވެއެވެ.

އެ އޮތޯރިޓީން އިތުރަށް ބުނެފައިވަނީ މާލީ ދާއިރާ ހަރުދަނާކަންމަތީ ކުރިއަށް ގެންދިއުމަށާއި، އެ ދާއިރާގެ ނަޒާހަތްތެރިކަން ހުރިހާ ހަރުފަތެއްގައިވެސް ޤާއިމްކުރާކަން ކަށަވަރުކުރުމަކީ އެ އޮތޯރިޓީން އަބަދުވެސް އެންމެ އިސް އަހަންމިއްޔަތުކަމެއް ދޭ ކަންކަން ކަމަށެވެ. އެގޮތުން، ދިވެހިރާއްޖޭގައި އޮޕަރޭޓްކުރުމަށް މާލީ އިދާރާއަކަށް އެ އޮތޯރިޓީން ލައިސަންސް ދޫކުރާނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމުގެ ޔަޤީންކަން އަރުވާކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް