އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ދިފާޢީ ވަޒީރު ދި ހޮނަރަބަލް ރިޗާޑް މާރލްސް އެމްޕީ އަދި ރާއްޖޭގެ ދިފާޢީ ވުޒާރާގެ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ނެރުއްވި ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އޮސްޓްރޭލިއާގެ ފަރާތުން ރާއްޖެއަށް ގާޑިއަން-ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރަން ނިންމާފައިވާކަން އޮސްޓްރޭލިއާގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ދިފާޢީ ވަޒީރު ރިޗަރޑް މާރލްސް އަދި ރާއްޖޭގެ ދިފާޢީ ވަޒީރު ޣައްސާން މައުމޫން ފަޚުރުވެރިކަމާއެކު އިޢުލާނުކުރައްވާކަމަށެވެ.
މި އިޢުލާނަކީ ރާއްޖެއާއި އޮސްޓްރޭލިޔާއާއި އޮންނަ ގުޅުމުގެ އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ރާއްޖެ ބާރުވެރިކޮށްދޭން އޮސްޓްރޭލިޔާއިން އެހީތެރިކަން ފޯރުކޮށްދޭކަމުގެ ރަމްޒެއްކަމުގައި ފާހަގަކޮށްފައިވެއެވެ.
"ރާއްޖޭގެ ޚާއްޞަ އިގުތިޞާދީ ސަރަހައްދުގައި ކަނޑުމަތީގައި ހިންގާ، ޤާނޫނާ ޚިލާފު ޢަމަލުތައް ދެނެގަތުމުގައި މި ޕެޓްރޯލް ބޯޓުގެ ސަބަބުން ރާއްޖެއަށް ކުރިއެރުންތަކެއް ލިބިގެންދާނެ" އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މި ބޯޓުގެ އިތުރުން ރާއްޖެއަށް މަލްޓި-ބީމް އެކޯ ސައުންޑާއެއް ހަދިޔާކުރާނެކަމުގައިވެސް ބުނެފައިވެއެވެ. އެ އާލާތުގެ އެހީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ހައިޑްރޮގްރަފީ ސާވޭ ރާއްޖެއަށް އަމިއްލައަށް ހެދުމުގެ ފުރުޞަތު ލިބި އެކަމުގެ ސަބަބުން އިގުތިޞާދީ ނަފާ، މަންފާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެކަން ފާހަގަކޮށްފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވާގޮތުގައި ގާޑިއަން-ކްލާސް ޕެޓްރޯލު އެ ބޯޓު ބަނުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެ މަސައްކަތް އަންނަ އަހަރަށް ނިންމާލެވޭނެއެވެ. އަދި އެ ބޯޓަށް މެއިންޓަނަންސްގެ ކަންކަންވެސް އޮސްޓްރޭލިއާއިން ކޮށްދޭނެކަން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް