އެހީ ހިފައިގެން ކަނޑު އުޅަނދެއްގައި ގްރެޓާ ޓުންބަރގް ޣައްޒާއަށް ދަތުރުކުރަނީ

ސުވީޑަންގެ މަސްހޫރު އެކްޓިވިސްޓް ގްރެޓާ ޓުންބަރގް، އިތުރު 11 އެކްޓިވިސްޓުންނާއެކު ޣައްޒާއަށް ކުރާ ކަނޑު ދަތުރެއްގައި ބައިވެރިވެއްޖެއެވެ. މި ދަތުރުގެ މަޤްޞަދަކީ އިސްރާއީލުގެ ބްލޮކޭޑަށް ގޮންޖެހުމާއި އިނ...

02 Jun 2025 | 00:59

ސުވީޑަންގެ މަސްހޫރު އެކްޓިވިސްޓް ގްރެޓާ ޓުންބަރގް، އިތުރު 11 އެކްޓިވިސްޓުންނާއެކު ޣައްޒާއަށް ކުރާ ކަނޑު ދަތުރެއްގައި ބައިވެރިވެއްޖެއެވެ. މި ދަތުރުގެ މަޤްޞަދަކީ އިސްރާއީލުގެ ބްލޮކޭޑަށް ގޮންޖެހުމާއި އިންސާނީ އެހީ ފޯރުކޮށްދިނުމެވެ.

"މަދްލީން" ގެ ނަމުގައި ނަންދެވިފައިވާ އުޅަނދެއްގައި މިބައިވެރިން ފުރާފައިވަނީ އިޓަލީގެ ދެކުނުގައިވާ ކަޓާނިއާ ބަނދަރުންނެވެ. މިއީ ފްރީޑަމް ފްލޮޓިލާ ކޯލިޝަންގެ މަސައްކަތުގެ ތެރެއިން، އިސްރާއީލުގެ ހަރުކަށި ފިޔަވަޅުތަކުގެ ދަށުގައިވާ ޣައްޒާގެ އިންސާނީ ޙާލަތު ދަށަށް ދާކަން ބައިނަލަގްވާމީ ސަމާލުކަން ގެނައުމަށް ކުރެވޭ މަސައްކަތެކެވެ.

ރޮވިފައި ހުރެ މީޑިޔާއާއި ވާހަކަ ދައްކަމުން ޓުންބަރގް ބުނެފައިވަނީ ކޮންމެ ހާލަތެއް މެދުވެރިވިނަމަވެސް މަސައްކަތް ކުރުން ހުއްޓާލައިގެން ނުވާނެކަމަށެވެ. މަސައްކަތްކުރުން ހުއްޓާލާ ހިސާބުން އަހަރުމެންގެ އިންސާނިއްޔަތު ގެއްލިގެން ދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

މި އުޅަނދުގައި ވަނީ ކާބޯތަކެއްޗާއި އެހެނިހެން އެހީގެ ތަކެތި އަރުވާފައެވެ. އަދި ދަތުރުމަތީގައި ހުއްޓުވާލެވިއްޖެ ހާލަތެއްގައި މެނުވީ، ގާތްގަނޑަކަށް ހަފްތާއެއްގެ ތެރޭގައި ޣައްޒާއަށް ވާސިލުވުމަށް ވަނީ އަމާޒު ހިފާފައެވެ. މިޖަމިއްޔާއިން މޭމަހު މިފަދަ ދަތުރެއް ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. އެފަހަރު ދަތުރު ނާކާމިޔާބުވީ ބޯޓަށް ޑްރޯން ހަމާލާއެއް ދިނުމުންނެވެ.

މި އުޅަނދުގައި ދަތުރުކުރާ އެހެން މަޝްހޫރު މީހުންގެ ތެރޭގައި "ގޭމް އޮފް ތްރޯންސް" ގެ ތަމްސީލުކުރި ލިއަމް ކަނިންގްހަމްއާއި ފަލަސްޠީނު އަޞްލަކަށް ނިސްބަތްވާ ފަރަންސޭސި ސިޔާސީ ފަރާތެއް ކަމުގައިވާ ރީމާ ޙަސަން ހިމެނެއެވެ. ރީމާ ޙަސަންއަށް ވަނީ އިސްރާއީލަށް ވަނުން މަނާކޮށްފައެވެ.

އިސްރާއީލުން ބުނާ ގޮތުގައި މި ބްލޮކޭޑްގެ މަޤްޞަދަކީ އޮކްޓޯބަރު 7 ގައި ދިން ޙަމަލާގައި ހިފަހައްޓާފައިވާ ރަހީނުން ދޫކޮށްލުމަށް ޙަމާސްއަށް ފިއްތުން ބޮޑުކުރުމެވެ. އެ ޙަމަލާގެ ފަހުން ފެށިގެންއައި އިސްރާއީލުގެ ސިފައިންގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި 52,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ޞިއްޙީ އިދާރާތަކުން ބުނެއެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިސްރާއީލުން މިފަހުން ކުޑަ މިންވަރެއްގެ އެހީ ޣައްޒާއަށް ވައްދަން ހުއްދަދީފައިވީ ނަމަވެސް، އދ އާއި އެހެނިހެން ޖަމާޢަތްތަކުން އިންޒާރުދެނީ އިތުރަށް އެހީ ނުލިބިއްޖެނަމަ ޣައްޒާގެ ރައްޔިތުން ބަނޑަށްޖެހުމުގެ ނުރައްކާ ބޮޑުކަމަށެވެ.

މި އެހީގެ ދަތުރަކީ ބޮޑު ބައިނަލްއަޤްވާމީ ކެމްޕޭނެއްގެ ބައެކެވެ. "ގްލޯބަލް މާޗް ޓު ގާޒާ" ގެ ނަމުގައި ޖޫން މަހުގެ މެދުތެރޭގައި އެހެން އިހުތިހާޖެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި އިޙްތިޖާޖުގައި ޑޮކްޓަރުންނާއި، ވަކީލުންނާއި، ނޫސްވެރިން މިޞްރާއި ރަފަޙް ގުޅޭ ބޯޑަރަށް ޖަމާވެ، ބޯޑަރު އަލުން ހުޅުވުމަށާއި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް