ބޭންކް އޮފް މޯލްޑިވްސްގެ މާފުށި ބްރާންޗުން ފަރުދުންނާއި ވިޔަފާރިތަކަށް ދެމުންދާ ޚިދުމަތްތައް ފުޅާކޮށްފިއެވެ.
މިގޮތުން ބްރާންޗުން ފަރުދުންނާއި ވިޔަފާރިތަކަށް ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުން، ލޯނު އަދި ފައިނޭންސިންގ އަށް އެދި ހުށަހެޅުން، ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތް، ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ އައު ހިދުމަތްތަކެއް ލިބޭނެކަމަށާއި މީގެ އިތުރުން، ބްރާންޗުގައި ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެކަމަށް ބޭންކުން ބުނެއެވެ.
"މާފުށްޓަކީ ލޯކަލް ޓޫރިޒަމްގެ މައި ހަބަކަށް ވެފައިވާއިރު، މި ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުންދިޔުމާއެކު ބޭންކިންގ ހިދުމަތަށް އޮތް ޑިމާންޑްވެސް މިވަނީ ބޮޑުވެފައި، މާފުށީގައި އަޅުގަނޑުމެން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، މުޖުތަމައަށާއި، ވިޔަފާރިތަކަށް އަދި މިރަށަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ގިނަގުނަ ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެގޮތް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް." ބީއެމްއެލް ގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 86 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް