ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ވޯލްޑް ހެލްތު އޯގަނައިޒޭޝަން) ޑަބްލިއުއެޗްއޯގެ މެމްބަރުކަން ފަލަޞްޠީނަށް ދިނުމަށް އިއްޔެ ފާސްކޮށްފިއެވެ.
އެކަން ފާސްކޮށްފައިވަނީ އަލްޖީރިޔާ، ބްރޫނާއި ދާރުއްސަލާމް، ޗައިނާ، މިސްރު، އިންޑޮނޭޝިޔާ، އިރާޤު، އުރުދުން، ކުވޭތު، ލީބިޔާ، މެލޭޝިޔާ، ނިކަރާގު، އޮމާން، ޕާކިސްތާން، ސޯމާލިޔާ، ތޫނިސް، ތުރުކިޔޭ، އެކުވެރި އަރަބި އިމާރާތް އަދި ވެނެޒުއޭލާއިން ހުށަހެޅި ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށެވެ.
އެ ހުށަހެޅުމަށް 177 ޤައުމުގެ ތެރެއިން 101 ޤައުމަކުން ތާޢީދުކޮށްފައިވެއެވެ. މި ހުށަހެޅުމަށް ތާޢީދުކުރި ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ. އެ ހުށަހެޅުމަށް ފާޅުގައި ދެކޮޅު ހެދި ފަސް ޤައުމަކުންނެވެ.
ޞިއްޙަތު ޖަމުޢިއްޔާގެ މެންބަރުކަން ފަލަޞްޠީނަށް ލިބިގެންދިޔައީ އދ ގައި އޮބްޒާވަރ ސްޓޭޓެއްގެ ދަރަޖަ ފަލަޟްޠީނަށް ލިބިފައިވާއިރު ހަމަ އެ ދަރަޖައިގައެވެ.
އޮބްޒާވަރ ސްޓޭޓެއްގެ ދަރަޖަ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ލިބުމުން މިހާރު ފަލަޞްޠީނަށް ދުނިޔޭގެ ޞިއްޙަތު އެސެމްބްލީ އާއި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމާއި އެހެން މެންބަރު ޤައުމުތަކެކޭ އެއްފަދައިން އެއްހަމައެއްގައި ޖާގަ ހަމަޖެހިގެން ދިއުމުގެ ފުރުޞަތާއި ބަހުސް ކުރުމުގެ ފުރުޞަތުގެ އިތުރުން ފުޅާދާއިރާއެއްގައި ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.
އެ ފުރުޞަތުތައް ލިބުނު ނަމަވެސް ހުށަހެޅުންތަކަށް ވޯޓު ދިނުމުގެ ހައްޤާއި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ގުނަވަންތަކަށް ކެނޑިޑޭޓުން އައްޔަނުކުރުމުގެ ފުރުޞަތު އަދި ލިބިގެން ނުދާނެއެވެ.
މިއީ ފަލަޞްޠީނަކީ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ސިފަކޮށް އެމަގުން ނިސްބަތްކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް