އެމެރިކާގެ ރައީސް އެބުނާ ހުށަހެޅުން ރަސްމީ ސިފައެއްގައި ނުލިބޭ: ހަމާސް

ހަނގުރާމަ މެދުކަނޑާލުމަށް އެމެރިކާގެ ރައީސް އެ ހުށަހަޅާ ހުށަހެޅުމެއް ރަސްމީ ސިފައެއްގައި އަދި ލިބިފައިނުވާކަމަށް ހަމާސް އިން ބުނެފިއެވެ. ހަމާސް އިން މިހެން ބުނެފައިމިވަނީ މި ހުށަހެޅުމަށް މަޝްވަރާ ފެށު...

02 Jun 2024 | 03:27

ހަނގުރާމަ މެދުކަނޑާލުމަށް އެމެރިކާގެ ރައީސް އެ ހުށަހަޅާ ހުށަހެޅުމެއް ރަސްމީ ސިފައެއްގައި އަދި ލިބިފައިނުވާކަމަށް ހަމާސް އިން ބުނެފިއެވެ.

ހަމާސް އިން މިހެން ބުނެފައިމިވަނީ މި ހުށަހެޅުމަށް މަޝްވަރާ ފެށުމަށް މިސްރާއި ޤަތަރު އަދި އެމެރިކާއިން ހަމާސް އާއި އިސްރާއީލުކުރެން އެދިފައިވާ ދަނޑިވަޅެއްގައެވެ.

ހަމާސް އިން ބުނެފައިވަނީ އެ ހުށަހެޅުމުގެ މަޢުލޫމާތު ޓީވީއާއި ނޫސްތައް މެދުވެރިކޮށް ލިބުނުނަމަވެސް ރަސްމީ ލިޔެކިޔުން އަދި ލިބިފައިނެތްކަމަށެވެ. އަދި އާއްމުގޮތެއްގައި މިފަދަ ހުށަހެޅުންތަކުގެ ލިޔެކިޔުން ލިބޭއިރު އޭގައި ބޮޑެތި ބަދަލުތަކެއް ހުންނަކަމަށެވެ.

ހަމާސްގެ ތަރުޖަމާނު އޮސާމާ ހަމްދާން ބުނެފައިވަނި ޓީވީއިން ދެއްކި ގޮތުން ނަމަ އެ ހުށަހެޅުން ރަނގަޅުކަމުގައި ބެލެވޭކަމަށާއި އެ ހުށަހެޅުމާއިމެދު ފައްސިގޮތަކަސް ހަމާސްއިންވެސް ދެކޭ ކަމަށެވެ.

ހުކުރު ދުވަހު މި ހުށަހެޅުން އިޢުލާނުކުރީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއެވެ.

މި ހުށަހެޅުން އިޢުލާނުކުރަމުން އޭނާ ބުނެފައިވަނީ މިއީ އޭނާގެ ޓީމުން ކުރި ބުރަ މަސައްކަތުންނާއި ޤަތަރާއި މިޞްރާއި އިސްރޭލާއި ކުރެވުނު މަޝްވަރާތަކުގެ އަލީގައި އެކަމަށް ބާރު ލިބި ސީދާ އިސްރާއީލުން ހުށަހަޅާ ހުށަހެޅުމެއް ކަމަށެވެ.

އޭނާ ބުނެފައިވާގޮތުގައި މި ހުށަހެޅުން ބިނާވަނީ ތިން މަރުޙަލާއަކަށެވެ.

އެގޮތުން ފުރަތަމަ މަރުޙަލާއަކީ ހަ ހަފްތާއަށް ދެމިގެންދާނެ މަރުޙަލާއެއް ކަމުގައި ބުނެފައިވެއެވެ. މި މަރުޙަލާގައި ހަނގުރާމަ އޭގެ އެންމެ ފުރިހަމަ ގޮތުގައި މެދުކަނޑާލުމާއި އިސްރާއީލުގެ ފައުޖުތައް ޣައްޒާގެ މީހުން ވަޒަންވެރިވެފައިވާ ހުރިހާ ސަރަހައްދަކުން ފޭބުމާއި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ކަނޑައެޅޭ ވަކި އަދަދަކަށް އަސީރުން މިނިވަން ކުރުމާއި އަދި މި މަރުޙަލާގައި މިނިވަން ކުރެވޭ އަސީރުންގެ ތެރޭގައި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި އަދި ޒަޚަމްވެފައިވާ ފަރާތްތައް މިނިވަން ކުރުމަށް އިސްކަން ދިނުމާއި އަދި އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނަށް ނިސްބަތްވާ އެތައް ސަތޭކަ ބަޔަކު މިނިވަން ކުރުމާއި ފަލަޞްޠީނުގެ ވަޒަންވެރިން އެ ފަރާތްތަކުގެ އަމިއްލަ ގެދޮރަށް ރުޖޫޢަވުމުގެ ފުރުޞަތު ދިނުމާއި ކޮންމެ ދުވަހަކު އެހީގެ 600 ލޮރީ ޣައްޒާއަށް ވަނުމުގެ ފުރުޞަތު ދިނުމާއި އަދި އެ އެހީ އެއްވެސް ހުރަހަކާ ދަތިކަމެއް ނެތި ބެހުމުގެ ފުރުސަތު ދިނުން ހިމެނެއެވެ.

އަދި ހަމަ އެ މުއްދަތުގައި ޣައްޒާގެ ރައްޔިތުންނަށް ހައުސިން ޔުނިޓާއި ގެދޮރުވެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ބައިނަލްއަޤުވާމީ މުޖްތަމަޢަށް ހުޅުވާލެވިގެން ދިއުމާއި އަދި ހަމަ އެހެންމެ އެ ހަ ހަފްތާގެ ތެރޭގައި އިސްރާއީލާއި ހަމާސްގެ މަޝްވަރާތައް ކުރިއަށް ގެންގޮސް ދެވަނަ މަރުޙަލާއާއިމެދު އެއްބަސްވުންތަކަށް އައުން ހިމެނޭ ކަމަށް ބައިޑަން ބުނެފައިވެއެވެ.

ބައިޑަން ބުނެފައިވާގޮތުގައި ދެވަނަ މަރުހަލާއަކީ ދިރިތިބި އެންމެހާ އަސީރުން މިނިވަންކުރަން ހަމާސް އިން އެއްބަސްވާހެން އެކުލެވޭ މަރުޙަލާއެކެވެ. އަދި އެ މަރުޙަލާގައި ހިމެނޭ އެހެނިހެން ކަންކަން ނިމިގެންދާނީ ފުރަތަމަ މަރުޙަލާގެ މަޝްވަރާތަކުގެ މައްޗަށް ކަމުގައިވެސް ބައިޑަން ބުނެފައިވެއެވެ.

ތިންވަނަ މަރުޙަލާ ނިމޭއިރު ލިބިގެންދާނީ ފަލަޞްޠީނު – އިސްރާއީލު މަސްރަޙަށް ދާއިމީ ހައްލެއް ކަމުގައިވެސް ބައިޑަން ބުނެފައިވެއެވެ. އަދި ހަނގުރާމަ މެދުކަނޑާލަން ހަމާސް އިން އެދޭއިރު މިއީ ހަމާސް އަށް ލިބޭ ފުރުޞަތު ކަމަށާއި އަދި ހަމަ އެހެންމެ ހަނގުރާމައިގެ ހާލުގައި އިސްރާއީލަށް ދިޔަ ހަމައެކަނި އެމެރިކާގެ ރައީސްގެ ހައިސިއްޔަތުންނާއި އީރާނުން ދިން ހަމަލާއިން އިސްރާއީލު ދިފާއުކޮށްދިން ޤައުމުގެ ހައިސިއްޔަތުން، އިސްރާއީލުން މި ހުށަހެޅުން ހުށަހެޅި ގޮތަށް ބޯލެނބުމަށް ގޮވާލާ ކަމަށްވެސް ބައިޑަން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް