ސްކޫލުތައް އޭސީ ކުރުމުގެ "ކޫލް ސްކޫލް" ޕްރޮޖެކްޓް މާފުށީ ސްކޫލުން ފަށައިފި

ސަރުކާރު ހުރިހާ ސްކޫލެއް އޭސީ ކުރުމަށް މި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ "ކޫލް ސްކޫލް" ޕްރޮޖެކްޓް މިއަދު ކ. މާފުށީ ސްކޫލްގައި ފަށައިފިއެވެ. މި ޕްރޮޖެކްޓް މާފުށި ސްކޫލުގައި ފަށާފައިވަނީ އެ ސް...

02 Jun 2024 | 03:09

ސަރުކާރު ހުރިހާ ސްކޫލެއް އޭސީ ކުރުމަށް މި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ "ކޫލް ސްކޫލް" ޕްރޮޖެކްޓް މިއަދު ކ. މާފުށީ ސްކޫލްގައި ފަށައިފިއެވެ.

މި ޕްރޮޖެކްޓް މާފުށި ސްކޫލުގައި ފަށާފައިވަނީ އެ ސްކޫލުގައި މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މި ޕްރޮޖެކްޓް ފައްޓަވައިދެއްވީ ތަޢުލީމީ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.

އެ ސްކޫލް އޭސީ ކުރުމުގެ ޚަރަދާއި އެންމެހާ ކަންކަން ކުރިއަށްގެންދަނީ މާފުށީ ކައުންސިލުގެ ބަޖެޓުން އެ ކައުންސިލުން އިސްނަގައިގެންކަން އެ ރަސްމިއްޔާތުގައި އިޢުލާނުކުރެވިގެންދިޔައެވެ.

މާފުށި ކައުންސިލްގެ ރައީސް ހުސެއިން ސޮލާހު ވިދާޅުވީ މި މަސައްކަތް އެ ކައުންސިލުން ފެށިތާ 10 ދުވަހުގެ ތެރޭގައި މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާކަމަށާއި މިހާރު އޭސީތައް ގެނެވި ކަރަންޓު ލޯޑު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި މި މަސް ނިމުމުގެ ނިޔަލަށް މި ޕްރޮޖެކްޓް ނިންމާލެވޭނެކަމުގައިވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމީ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މި ޕްރޮޖެކްޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސް ނެންގެވުމުގެ މަތިން އަދި އެމަނިކުފާނުގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެންދެވޭ ޕްރޮޖެކްތެއް ކަމަށެވެ.

ރައީސް ރަށް ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުންތައް ސްކޫލުތަކުގެ ހޯލުތަކާއި ކްލާސްރޫމްތަކުގައި ކުރިއަށްގެންދެވިއިރު އެ ހޫނުގައި ދަރިވަރުން ކިޔަވާނީ އަދި މުދައްރިސުން ކިޔަވައިދޭނީ ކިހިނެއްތޯ ސުވާލުކުރެއްވިކަމަށާއި އަދި މި ޕްރޮޖެކްޓް ފެށުމުގެ އިރުޝާދު ދެއްވިކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި ޕްރޮޖެކްޓް ކުރިއަށްގެންދާއިރު 30 އިންސައްތަ އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ އިރުޝާދުވެސް ރައީސް ދެއްވިކަމުގައި ވަޒީރު ވިދާޅުވިއެވެ.

ކޮމިއުނިޓީގެ އެހީތެރިކަމާއެކު ކުރިއަށްގެންދަން ސަރުކާރުން ނިންމާފައިވާ މި ޕްރޮޖެކްޓް ފަށާތާ ދެ އަހަރުގެ ތެރޭގައި ނިމިގެންދާނެކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް