ސ. މަރަދޫފޭދޫ، ބްލޫސްޓަރ، އަހުމަދު ޝުއައިބު މަރާލި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އޭނާގެ ކޮއްކޮ ހުސެއިން މަވާޒް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފިއެވެ.
މިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ މަވާޒް އިއްޔެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމުން ހައްޔަރުކޮށް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރީ މިއަދު ކަމަށެވެ.
އަދި މަވާޒްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން މިއަދު ވަނީ އަމުރު ކޮށްފައި ކަމަށް ފުލުހުން ހާމަކުރެއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ 11:38 ހާއިރު އައްޑޫ ސިޓީ މަރަދޫފޭދޫގެ ގެއެއްގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ދިން ހަމަލާއަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ އުމުރުން 27 އަހަރުގެ އަހްމަދު ޝުއައިބެވެ. އޭނާއަށް ހަމަލާ ދިން ކަމަށްވަނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އުމުރުން 25 އަހަރުގެ ހުސައިން މަވާޒެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ކަމަށް ދެ މަސްދަރެއްގައި ދެ ގޮތަކަށް ވާހަކަ ދެކެވެއެވެ. އެއްގޮތަކީ މަވާޒްގެ ބޭބެ މަސްތުވާތަކެތީގެ ބޭނުމުގައި މަވާޒްގެ ފޯނު ވަގަށް ނަގައި ވިއްކާލީ ކަމަށްބުނާ ބުނުމެވެ. އަނެއް ގޮތަކީ މަވާޒް ގެންގުޅޭ މަސްތުވާތަކެތިން އޭނާގެ ބޭބެ ވައްކަން ކުރާ ކަމަށް ބުނާ ބުނުމެވެ. އެހެން ނަމަވެސް މިކަމާއި ގުޅޭ މާ ގިނަ ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް