"ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" މި ނަމުގައި ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދުން މިރޭ މާލޭގައި ބާއްވާ ބޮޑު އެއްވުމުގައި ރައީސް ޔާމީންގެ ޚާއްސަ ތަގުރީރެއް ދިނުމަށް ހަަމަޖެހިއްޖެއެވެ.
އެގޮތުން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ޖަލްސާގެ އެޖެންޑާ ޢާންމު ކޮށްފައި ވާއިރު އޭގައިވާ ގޮތުން ޖަލްސާގައި އެންމެ ފުރަތަމަ ވެސް އޮތީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރު، މާފުށީ ޖަލުގައި 11 އަހަރުގެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ޚާއްސަ ތަޤުރީރެކެވެ.
ލަފާ ކުރެވޭ ގޮތުގައި މި ތަގުރީރަކީ ޤާނޫނީ ވަކީލުން މެދުވެރިކޮށް ނުވަތަ އަރިސް ބޭފުޅުން މެދުވެރިކޮށް ހިއްސާ ކުރައްވާ ތަގުރީރެއް ކަމަށް ބެލެވެއެވެ.
މި އެއްވުމުގައި، ކަނޑުގެ ސަރަހައްދު ވިއްކުމާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ޕެޓިޝަނެއްގައި ސޮއިކުރުން ކުރިއަށް ގެންދާނެ ކަމަށް ވެސް އެ އިއްތިހާދުން ހާމަކުރެއެވެ.
މީގެ އިތުރުން މިޖަލްސާގައި ކަނޑު ވިއްކާލުމާއި ދެކޮޅަށް މަސައްކަތް ކުރި އިސް ބޭފުޅުންގެ ތެރެެއިން ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ.މުނައްވަރާއި، އައިޝަތު އާޒިމާ ޝުކޫރާއި، އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ކާނަލް ނާޒިމްއާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވާހަކަ ދައްކަވާނެއެވެ.
ހަމައެހެންމެ މިޖަލްސާގައި ފިކުރެއްގެ ދިރުމުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އަދި ޕީއެންސީގެ ރައިސް އަބްދުއްރަހީމް ވާހަކަ ދައްކަވާނެއެވެ.
ރިޔާސީ އިންތިޚާބުގެ ކުރިން އިދިކޮޅު ފަރާތްތަކުން އެއް ޕްލެޓް ފޯމަކުން ފެނިގެންދާނެ ބޮޑު ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗުގައި މިރޭ 08:30 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް