ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕް 2023 އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރު 10 ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި ސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކަށް ކިޔެވުމަށްދާ ޚަރަދާއި މުސާރައާ އެއްވަރުގެ އެލަވަންސް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕް ސްކީމަކީ ސްކޫލްތަކަށް ބޭނުންވާ ރަނގަޅު ފެންވަރުގެ ޕްރިންސިޕަލުން އުފެއްދުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފަށާފައިވާ ޕްރޮގްރާމެކެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބުރު ގައި 17 ބައިވެރިން ވަނީ މޭލޭޝިއާގެ މަލާޔާ ޔުނިވަރސިޓީގައި "މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް" ކޯސް ފުރިހަމަކޮށްފައެވެ.
ސްކޮލަރޝިޕް ފުރިހަމަކޮށް ޚިދުމަތާ ގުޅޭ ހުރިހާ ޕްރިންސިޕަލުންނަކީ ވެސް 4 އަހަރު ދުވަހުގެ މުއްދަތަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ސްކޫލެއްގައި ޕްރިންސިޕަލްގެ މަސްޢޫލިއްޔަތު އަދާކުރަންޖެހޭ ގޮތަށް ބޮންޑް ކުރެވިފައިވާ ފަރާތްތަކެވެ. މި ސްކޮލަރޝިޕްގެ ފުރަތަމަ ބުރުގައި ކޯސް ނިންމި 17 ޕްރިންސިޕަލުން ވަނީ 12 މާރިޗް 2023 އިން ފެށިގެން ސްކޫލްތަކާ ޙަވާލުވެ، ސްކޫލް ހިންގުމުގެ މަސްޢޫލިއްޔަތު އަދާކުރަން ފަށާފައެވެ.
3 އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ޕްރޮގްރާމް ނިމޭ އިރު ސަރުކާރުން ހިންގާ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ހަމަވާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް