އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގެ ވެރިކަން އެބޭފުޅާނޫން އެހެން މީހަކަށް ލިބެން އެދޭނެ މީހެއް ނޫންކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިކަން ހާމަކޮށްފައި ވަނީ އެމްޑީޕީގެ ޕްރައިމަރީއަށްފަހު ޤާސިމާއި، ރައީސް ނަޝީދާއި އެކު ކުރެވެމުންދިޔަ މަޝްވަރާތަކާއި ގުޅޭގޮތުން މިއަދު ދެއްވި އިންޓަރވިއެއްގައެވެ.
އެގޮތުން ޤާސިމް ވިދާޅުވީ ނަޝީދަކީ އޭނަ ނޫން މީހަކު ރާއްޖޭގެ ވެރިކަމަށް އައުމަށް އެދޭނެ މީހެއް ނޫންކަމަށާއި، ރައީސް ނަޝީދަށް އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވި ހިސާބުން، މަޖިލީހުގައި ވެސް އެކި ބޭފުޅުންގެ ކައިރީގައި ވެރިކަމަށް ގެންނަންވީ ޤާސިމްކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް ނަޝީދުގެ އަމާޒުހުރީ އޭނާ ވެރިކަމަށް ގެނައުމަށް ގުރުބާންވާ މީހަކަށް ހެދުމަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.
މިގޮތުން ސީދާ ނަޝީދު ބައްދަލުކޮށް ކަންކަން ކުރަންވީގޮތް ޤާސިމް އާއި ހިއްސާ ކުރެއްވި ކަމަށާއި އެވަގުތު އެވަރަށް ފައިސާ ނެތުމުންނާއި، ހާލަތު ހުރިގޮތުން ނަޝީދު ބުނިހާ ގޮތެއް ހެދުމުގެ ފުރުސަތު ނެތްކަމަށެވެ.
އަދި ނަޝީދުގެ މަޤުސަދަކީ އެމްޑީޕީ ހަލާކު ކުރީ ޤާސިމް އަޑީގައި ހުރެގެން ކަމަށް ދެއްކުން ކަމަށާއި ނަމަވެސް އެޖާގަ ދިނުމަށް ބޭނުން ނުވާކަމަށް ޤާސިމް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ޤާސިމް ވިދާޅުވީ ވެރިކަމަށް ކުރިމަތިލުމަށް ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ.
ހަމައެހެންމެ ވެރިކަމަށް ކުރިމަތިލާން ނިންމުމުން ސަރުކާރުން ޕްރެޝަރު އަންނަ ކަމަށާއި ނަމަވެސް ބިރުދައްކައިގެން މިފަހަރު ފަހަތަށް ނުޖެއްސޭނެކަމަށް ޤާސިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް