ގާބިލިއްޔަތުކަން އިތުރުކުރުމަށް ކަސްޓަމްސްގެ 30 މުވައްޒަފަކު އިންޑިއާއަށް ފުރައިފި

ގާބިލިއްޔަތުކަން އިތުރުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 30 މުވައްޒަފަކު މިއަދު އިންޑިއާއަށް ފުރައިފިއެވެ. 30 އޮފިސަރަކު އިންޑިއާގެ މުމްބާއިއަށް މިއަދު ފުރާފައިވަނީ މި މަހުގެ ހަޔަކުން ފެށިގެން މ...

02 Jun 2022 | 14:42

ގާބިލިއްޔަތުކަން އިތުރުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 30 މުވައްޒަފަކު މިއަދު އިންޑިއާއަށް ފުރައިފިއެވެ.

30 އޮފިސަރަކު އިންޑިއާގެ މުމްބާއިއަށް މިއަދު ފުރާފައިވަނީ މި މަހުގެ ހަޔަކުން ފެށިގެން މި މަހުގެ ނިޔަލަށް މުމްބާއީގެ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމަސް، އިންޑައިރެކްޓް ޓެކްސް އަދި ނާކޮޓިކްސް (އެންއޭސީއައިއެން) ގައި ކުރިއަށްގެންދާ ހަތަރު ހަފްތާގެ ތަމްރީނު ޕްރޮގްރާމަކަށެވެ.

ކަސްޓަމްސްގެ މި ބައިވެރިން ފުރުމުގެ ކުރިން މިއަދު އެކަމާއި ގުޅޭ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ދަތުރުގައި އޮފިސަރުން، ވަޔާއި ކަނޑުގެ ކަސްޓަމްސް ބޯޑަރުތަކުގައި ޤާނޫނު ތަންފީޒުކުރުމުގެ މަޢުލޫއަށް ބިނާކޮށް ހިންގޭ ހަތަރު ހަފްތާގެ ތަމްރީނެއްގައި ބައިވެރިވުމާއި މި ތަމްރީން ޕްރޮގްރާމްގައި އިންޓަރެކްޓިވް ސެޝަންތަކާއި ކަމާބެހޭ ވުޒާރާތަކަށް ޒިޔާރަތްކުރުންވެސް ހިމެނެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއަން ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރ ރޯހިޓް ރިތޭޝްއާއި އެކު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް އަބްދުالله ޝަރީފްވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

ޑެޕިއުޓީ ހައިކޮމިޝަނަރ ރޯހިޓް ރިތޭޝްވަނީ މިހާތަނަށް މުމްބާއީގެ އެން.އޭ.ސީ.އައި.އެންގެ ފަރާތުން އިންތިޒާމްކޮށް ބޭއްވިފައިވާ ތަމްރީން ޕްރޮގްރާމްތަކުގެ ހުރިހާ އިވެންޓްތަކުގައި ކަސްޓަމްސް އޮފިސަރުންގެ ބައިވެރިވުން ފާހަގަކުރައްވާފައެވެ. ކަސްޓަމްސް ކޫޕަރޭޝަން އެމް.އޯ.ޔޫގައި ސޮއިކުރެވިފައިވަނީ ޖޫން 2019ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ޑެޕިއުޓީ ހައިކޮމިޝަނަރ ރޯހިޓް ރިތޭޝްގެ ވާހަކަފުޅުގައި، ކަސްޓަމްސްގެ ބޭނުމަށްޓަކައި އިތުރު ދެތިން ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރުތެރޭގައި ބޭއްވުމަށް އިންތިޒާމްކުރެވެމުންދާކަމުގައި ދެންނެވިއެވެ. މީގެއިތުރުން އިންޑިޔާއާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރި 2021 ވަނަ އަހަރު %31 ކުރިއަރާފައިވާކަންވެސް ފާހަގަކުރައްވާފައިވެއެވެ.

އިންޑިޔާއާއި ދިވެހިރާއްޖޭގެ ދެމެދުގައި ކަސްޓަމްސް ދާއިރާގެ ގުޅުންވަނީ ފާއިތުވި އަހަރުތަކުގައި ވަރުގަދަވެފައިއެވެ. އެގޮތުން މިހާތަނަށް 100 ކަސްޓަމްސް އޮފިޝަލުންވަނީ އިންޑިޔާއަށް ފޮނުވައި ކަސްޓަމްގެ އެކި ދާއިރާތަކުން ތަމްރީންދެވިފައިއެވެ. އަދި އިރުތު 90 ކަސްޓަމްސް އޮފިޝަލުންވަނީ އޮންލައިން ޕްރޮގްރާމްތައް މެދުވެރިކޮށް ތަމްރީންކޮށްފައިއެވެ. ސީ.ބީ.އައި.ސީ އާއި އެމް.ސީ.އެސް އާ ދެމެދު އަލަށް ސޮއިކުރެވުނު ޕްރީ-އެރައިވަލް އެކްސްޗޭންޖް އޮފް ކާގޯ ޑޭޓާ އާއި ބެހޭ އެމް.އޯ.ޔޫގެ ދަށުން ޕްރީ-އެރައިވަލް ކަސްޓަމްސް ޑޭޓާ އެކްސްޗޭންޖްގެ އައު މަޝްރޫޢެއްވަނީ އިފްތިތާޙްކުރެވިފައިއެވެ. މި މަޝްރޫޢުގައި ދެ ކަސްޓަމްސް ވުޒާރާގެ ދެމެދުގައި ޓެކްނޮލޮޖީގެ ޒަރިއްޔާއަށް އިސްކަންދީ ކަސްޓަމްސް ޑޭޓާ ވަގުތުން ބަދަލުކުރުމަށްމަގުފަހިވެގެންދާނެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ހިނގާ ވިޔަފާރި ރިސްކް މެނޭޖްމަންޓް ބޭނުންކޮށް ފުޅާކުރުމަށް މަގުފަހިވުމާއިއެކު އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގައި ކޮމްޕްލައަންސް މޮނީޓަރިންގ ހިންގުމަށް އެހީތެރިވެގެންދާނެކަމުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް