ނޫސްވެރިންގެ ޒިންމާ އަދަކުރުމަށް އެންމެ އެކަށޭނެ މާހައުލެއް ގާއިމްވެފައި ނެތްކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި އެކަމާއިމެދު ނުހަނު ކަންބޮޑުވާކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފިއެވެ.
އެ ކޮމިޝަނުން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ މާލޭގައި މިހާރު ބާއްވަމުންދާ އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނަށް ފުލުހުންގެ ހިދުމަތުގެ ފަރާތުން ތަފާތު ގޮންޖެހުންތަކާއި ހުރަސްތައް ކުރިމަތިވެ، ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް އެންމެ އެކަށޭނެ މާހައުލެއް ގާއިމްވެފައި ނެތްކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ.
" މިގޮތުން އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ބައެއް ނޫސްވެރިންނަށް ބައެއް ފުލުހުންގެ ފަރާތުން އިންޒާރުދީ ހަދާކަމުގެ ޝަކުވާ އާއި، ވަކިވަކި ނޫސްވެރިން އައިޑެންޓިފައިކޮށް ބައެއް ފުލުހުން ފޮޓޯ ނަގަމުންދާކަމުގެ ކަންބޮޑުވުމުގެ މަޢުލޫމާތުވެސް ކޮމިޝަނަށް ވަނީ ލިބިފައެވެ. މިފަދަ ކަންކަމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާކަންކަމެވެ." ބްރޯޑްކޮމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނާ މެދު ތަފާތު ކުރުމެއް ނެތި، ޤާނޫނީ ހަމަތަކުގެ ތެރެއިން، ހަމަހަމަ އުސޫލަކުން ނޫސްވެރިންގެ ވާޖިބު އަދާކުރެވޭނެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް މި ފުރުސަތުގައި އެ ކޮމިޝަނުން އިލްތިމާސްކުރާކަމަށެވެ.
" އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން، ޤާނޫނާއި ގަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށާއި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށްވެސް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ." ބްރޯޑްކޮމްއިން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން، ބޭނުންކުރުމަށް އެ ކޮމިޝަނުން ދޫކުރާ “އެކްރެޑިޓޭޝަން ކާޑް”ގެ ބޭނުން އެންމެ އެދެވިގެންވާ ގޮތަށް ބޭނުން ނުކުރާކަމުގެ ޝަކުވާއާއި، މުއްދަތު ހަމަވެފައިވާ ކާޑް ބޭނުން ކުރަމުންދާ ކަމުގެ މަޢުލޫމާތު ކޮމިޝަނަށް ލިބިފައިވާތީ، މިފަދައިން ޢަމަލުނުކޮށް، އެ ކާޑް ހެއްދުމަށް ކޮމިޝަނަށް ހުށަހަޅައި، ހެދިފައިވާ ގަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މީޑިއާތަކަށާއި ނޫސްވެރިންނަށް އިލްތިމާސްކުރާކަމަށާއި އަދި މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން، ބޭނުންކުރުމަށް ކޮމިޝަނުން ދޫކުރާ “އެކްރެޑިޓޭޝަން ކާޑް” އަބަދުވެސް ފެންނަ ގޮތަށް ބޭނުންކުރުމަށް ނަސޭޙަތްތެރިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް