ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދާފައިވާ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގައި މިހާރު 3000 މެންބަރުން ހަމަވާނެ ކަމުގައި އެ ޕާޓީން ބުނެފިއެވެ.
އެ ޕާޓީން މިހެން ބުނެފައިވަނީ އެ ޕާޓީން މި ފަހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާ އެތައް ސަތޭކަ ފޯމެއް އީސީން ޕްރޮސެސް ނުކުރެވި ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ މެންބަރުން އިތުރުކުރުމަށް ކުރެވުނު މަސައްކަތުން މިހާރު 3000 އަށްވުރެ ގިނަ މެންބަރުން ހަމަވާނެކަމަށާއި އެހެންނަމަވެސް އިލެކްޝަން ކޮމިޝަން (އީސީ) އިން އަދިވެސް ފޯމްތައް ޕްރޮސެސް ނުކޮށް ހުރިކަން ފާހަގަކުރެވޭކަމަށެވެ.
"ފާއިތުވި ދުވަސްތަކުގައި އެމްއާރްއެމްއިން ކުރެވުނު ބުރަ މަސައްކަތާއެކު 1407 ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވެއެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު 225 ފޯމާއި އޭގެ ކުރީގެ ހަފްތާގެ ބުރާސްފަތިދުވަހުގެ 103 ފޯމު ހުށަހަޅާފައިވާނެއެވެ. އަދި މިއަދުވެސް 123 ފޯމް ހުށަހަޅާފައިވާނެއެވެ. މި ޕާޓީން އީސީއަށް ހުށަހެޅި ފޯމްތަކުގެ ތެެރެއިން 1297 ފޯމް އަދިވެސް ޕްރޮސެސް ނުކުރެވި ހުރިކަން ފާހަގަކުރަމެވެ." އެމްއާރްއެމްއިން މިއަދު ބުނެފައިވެއެވެ.
އެ ޕާޓީން ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގައި މަދުވެގެން ޖުމްލަ 3000 މެންބަރުން ހަމަވާންޖެހޭއިރު އީސީން ކުރި އިއުލާނުގެ ފަހުން މި އަހަރުގެ މާޗް 27 ވަނަ ދުވަހާ ހަމައަށް ޖުމްލަ 700 އަށްވުރެ ގިނަ ފޯމް މި ޕާޓީގެ ފަރާތުން ވާނީ އެ ކޮމިޝަނަށް ހުށަހަޅާފައިވާނެކަމަށާއި އެ އަދަދާއެކު، އީސީން ކަނޑައަޅާފައިއެވާ އަދަދަށް އެމްއާރްއެމްގައި މެންބަރުން އެދުވަހުވެސް ހަމަވެފައިވާނެކަމަށް އަޅުގަނޑުމެންގެ ހިސާބުތަކުން ދައްކާކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް މިހާރު ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން ބައެއް ފޯމްތަކަކި، އެ ކޮމިޝަނަށް ހުށަހެޅިތާ ވަރަށް ގިނަދުވަސްވެފައިވާ ފޯމްތަކެއްކަންވެސް ފާހަގަކުރަމުން، ފޯމްތައް ޕްރޮސެސް ކުރުމުގައި އަވަސް ކޮށްދެއްވުުމަށްއެދި އެމްއާރްއެމްއިން ވާނީ އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުންނާއި ދާދިފަހުން ބައްދަލުކޮށް ވާހަކަދައްކާފައިވާނެކަމަށާއި އަދި އެބޭފުޅުންގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، އަޅުގަނޑުމެންގެ ފޯމްތައް ވީ އެންމެ އަވަހަށް ޕްރޮސެސް ކޮށްދެއްވުމަށް އަޅުގަނޑުމެންގެ ޕާޓީގެ ހުރިހާ މެންބަރުންގެ ފަރާތުން ވާނީ އެދުވަހުވެސް ވަރަށް އިހްތިރާމާއެކު ދަންނަވާފައިވާނެކަމަށް ބުނެފައިވެއެވެ.
"އެމްއާރްއެމްއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. މި ޕާޓީ އިތުރަށް ކުރިއެރުވުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރުމަށްވެސް ރާވާފައިވީ ހިނދު، ފަސޭހަކަމާއެކު އެކަން ކުރުމަށް އަޅުގަނޑުމެން މިދަނީ ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ." އެމްއާރްއެމްއިން ބުނެފައިވެއެވެ.
އެމްއާރްއެމްއިން އިތުރަށް ބުނެފައިވަނީ އެ ޕާޓީން ހުށަހަޅާފައިވާ ފޯމްތައް ޖޫން 7ގެ ކުރިން ޕްރޮސެސްކޮށްދެއްވާ، އެކަން ވީ އެންމެ އަވަހަކަށް އިއުލާނުކޮށްދެއްވުމަށް ވަރަށް އަދަބުވެރިކަމާއެކު އިލެކްޝަންސް ކޮމިޝަނަށް ގޮވައިލާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް