ގއ، ގެމަނަފުށީ ސްކޫލްގައި ދަރިވަރެއްގެ ބޮލަށް ޕާޓިޝަނެއް ވެއްޓި އަނިޔާވެއްޖެ އެވެ.
މިހާދިސާ ހިނގާފަައިވަނީ މިއަދު ހެނދުނު9:30 ހާއިރު އެވެ. ވެއްޓިފައިވަނީ އެ ސްކޫލްގައި ކްލާސްރޫމްތައް ވަކި ކުރުމަށް ޖަހާފައިވާ އަށް ފޫޓު އުސް ޕާޓިޝަނެއް ކަމަށެވެ.
"ދުވަސް"އަށް މައުލޫމާތު ދެއްވި އެ ސްކޫލްގެ މުވައްޒަފަކު ވިދާޅުވީ ޕާޓިޝަން ވެއްޓުނީ ގްރޭޑް އެކެއްގެ ދެ ކުއްޖެއްގެ ބޯމައްޗަށް ކަމަށެވެ. މިހާދިސާގައި އަނިޔާވީ އަންހެން ކުއްޖަކާއި ފިރިހެއް ކުއްޖެއްގެ ބޮލަށް ކަމަށް ވިދާޅުވި އެވެ.
އަންހެން ކުއްޖާއަށް ބޭރު ފުށުން ފެންނަ ވަރުގެ އަނިޔާއެއް ނުވެ އެވެ. އެކަމަކު ފިރިހެން ކުއްޖާގެ ބޯ ދުޅަވެފަ އިންތަން ފެނުނު ކަމަށް ވިދާޅުވި އެވެ.
އެ މުވައްޒަފު ވިދާޅުވީ އޭނާގެ ކަންބޮޑުވުމަކީ ކުދިންގެ ބެލެނިވެރންނަށް އެންގުން ލަސްކުރުމެވެ.
ފިރިހެން ކުއްޖާއަށް ސްކޫލުގެ ހެލްތް ރޫމުން ފަރުވާ ދިން އިރު އެ ކުއްޖާ ގެއަށް ފޮނުވާލީ އޭގެ މާ ފަހުން ބޮލުގައި ރިއްސާކަމަށް ބުނަން ފެށުމުން ކަމަށެވެ. އަންހެން ކުއްޖާގެ ބެލެނިވެރިޔާއަށް ހާދިސާ ހިނގިކަން އެނގިގެން ސްކޫލަށް ދިޔައީ އޭގެ 45 ވަރަކަށް މިނެޓު ފަހުން ކަމަށްވެ އެވެ.
ދޭތެރެ ދޭތެރެއިން ސްކޫލްތަކުގައި މިފަދަ ހާދިސާތައް ހިނގައެވެ. މީގެ ކުރިން ބައެއް ސްކޫލްތަކުގައި ކްލާސް ރޫމުގެ ފަންކާ ވެއްޓުމާއި ސީލީނގު ވެއްޓުމުގެ ހާދިސާތައް ހިނގާފައިވެ އެވެ. އެކަމަކު މާބޮޑު އަނިޔާއެއް މިހާތަނަށް ދަރިވަރުންނާއި ޓީޗަރުންނަށް ލިބިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް