މާލޭ ގެއެއްގެ ތަޅުންގަނޑުގެ އަޑީގައި ވަޅުލާފައި ހުއްޓައި ފުލުހުން ހޯދި 42 ކިލޯގެ މަސްތުވާތަކެތީގެ ތުހުމަތުކުރެވޭ ދެ މީހުންނަށް ދައުވާ ނުކުރީ ގާނޫނާއި ހިލާފަށް ހެކި ހޯދާފައިވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
މިދިޔަ މާޗު މަހު ހިންގި އޮޕަރޭޝަނުގައި ފުލުހުން ބަލާ ފާސްކުރީ މ. ލަވްނެސްޓް އެވެ. އެގޭ ތަޅުންގަނޑު ދަށުގައި ވަޅުލާފައި ހުއްޓަ ފުލުހުން ވަނީ42 ކިލޯގެ ހެރޮއިން ހޯދާފަ އެވެ.
މި މައްސަލައިގަ ފުލުހުން ހައްޔަރު ކުރީ ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަހުމަދު ހުސެއިން އަދި އުމުރަށް ޖަލަށް ލާފައި ވަނިކޮށް ޕެރޯލްގެ ދަށުން ދޫކޮށްލި ފަހުން މަސްތުވާތަކެތީގެ ޓްރެފިކިންގެ މައްސަލައިގައި ހައްޔަރުކުރި އަބްދުﷲ ނަޝީދެވެ.
އެމީހުންނަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީއަށް ހުށަހެޅި މައްސަލައިގެ މުއްދަތު ހަމަވި އިރުވެސް ޕީޖީ އޮފީހުން ދައުވާ އުފުލާފައި ނުވާތީ ފުލުހުން މިއަދު ވަނީ ދެމީހުން ދޫކޮށްލާފަ އެވެ. އެ މައްސަލައިގަ ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ދައުވާ ނުކުރަން ނިންމީ މައިގަނޑު ތިން ސަބަބަކާއި ހެދި ކަމަށެވެ.
އެއީ ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިފައި އޮއްވައި ވެސް ކޯޓު އަމުރަކާ ނުލައި ފާސްކުރުމެވެ. ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު، އެ ގެ ބަލައި ފާސްކުރުމުގެ ހުއްދަ އެހެން މީހެއްގެ އަތުން ހޯދާފައިވާތީ ލަވްނެސްޓް ގެއަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވަނީ ގާނޫނު އަސާސީގެ 149 ވަނަ މާއްދާ އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 47 ވަނަ މާއްދާއާ ހިލާފަށް ކަމަށް ވާތީ އެވެ.
އެ މައްސަލައިގެ ސީންގައި ކަންވީ ގޮތާ މެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރިއިރު އެ ތަންތަނުގައި ހުރި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލުކޮށްފައިވާކަން ޕީޖީ އޮފީހަށް ހުށަހެޅި ލިޔުންތަކުން އެނގެން ނެތުން ހިމެނެ އެވެ. އަދި މައްސަލައިގައި ހޯދިދާނެ ކަމަށް ފެންނަ މުހިއްމު ހެކިތަކެއް ހޯދާފައިނުވާތީ އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެއްކާއި ގާރީނާ ހޯދާފައި ނުވުން ހިމެނެ އެވެ.
ޝާފިއު ވިދާޅުވީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ކޯޓަށް ބަލައިގަނެވޭ ހެއްކެއް ނޫން ކަމަށެވެ. އެހެން ކަމުން ފަނޑިޔާރެއްގެ ކުރިފުޅުމަތީގައި އެފަދަ ހެއްކަކީ ވުޖޫދުގައި ނެތްފަދަ އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް