މިއަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރަން ކ. ގުރައިދޫ ކައުންސިލުން ނިންމައިފި އެވެ.
އެ ރަށު ކައުންސިލުން ބުނީ މިއަހަރު އީދު ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ހަރަކާތްތައް އޮންނާނީ އީދުގެ ފުރަތަމަ ތިން ދުވަހު އެވެ.
އެ ރަށު ކައުންސިލް މެމްބަރު ފާޓިމަތު ޒިރުފާ ވިދާޅުވީ އީދު ފާހަގަ ކުރުމުގެ ގޮތުން ސަގާފީ ކުޅިވަރުތަކާއި މިއުޒިކް ޝޯއާއި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި އުލްހިޔާ ކަތިލުމާއި ހަވާ އެރުވުންވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ސަގާފީ ކުޅިވަރިތަކުގެ ތެރޭގައި ދަފި ނެގުން، ބޮޑުމަސް، މާލި ޕެރޭޑު ފަދަ ހަރަކާތްތައް ހިމެނެ އެވެ. މީގެ އިތުރުން ފުޓުބޯޅާ މެޗަކާއި ފެންކުޅި ކުޅުން އޮންނާނެ ކަމަށް ޒިރުފާ ވިދާޅުވި އެވެ.
އެ ކައުންސިލުން މައުލޫމާތު ދޭގޮތުގައި އީދަށް ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކާއި އާންމުންނަށް ހާއްސަކޮށް އީދު ދުވަހު އީދު ނަމާދަށް ފަހު ސައި އޮންނާނެ ކަމަށެވެ.
ގުރައިދޫ ކައުންސިލުން އިންތިޒާމްކޮށްގެން މިއަހަރުގެ އީދު ފާހަގަ ކުރަނީ އެ ރަށު ރައްޔިތުންނާއި ވިޔަފާރިވެރިންނާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް