އިއްޔެއިން ފެށިގެން މާލޭގައި ކުނި ނަގަމުން ދަނީ ބައި ބަޔަށް ވަކިކޮށްގެންނެވެ.
ގިނަ ބަޔަކު އެކަމާއި ޝަކުވާކޮށް ސަރުކާރާއި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ނުރުހުމުގެ ބަސްތައް ދިޔައީ ރައްދު ކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުންވެސް ވަނީ އެއީ އާންމުންގެ އަތުން ބޮޑު ހަރަދެއް ދާނެ ކަމެއް ފާހަގަކޮށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަގަށް ބަދަލު އައުންފަދަ ކަންކަމެވެ. އެކަމަކު ވެމްކޯއިން ވަނީ ހިދުމަތުގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބުނެފަ އެވެ.
ފުރަތަމަ ދުވަހުގެ ކުނި ނަގާ ވަގުތު ޖެހުނު އިރު ފެނިގެންދިޔައީ ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފު މަންޒަރުތަކެކެވެ. އާންމުން ދައްކައިދީފައިވަނީ ގަވައިދަށް އެއްބާރުލުން ދޭނެކަމުގެ ޔަގީން ކަމެވެ.
ވެމްކޯއިން ވަނީ ގޭގެއިން ކުނި ނެރެފައި ހުރި އިރު ޕްލާސްޓިކާއި ބަދިގޭ ކުނި އަދި އެހެނިހެން ކުނި ވަކިކޮށްފައި ހުރިތަން ފެންނަ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. އެ ފޮޓޯތަކުން ފެންނަނީ މާކަރަކުން ކޮތަޅުގެ ބޭރުގައި "ކުނިވެފައި" ނުވަތަ "ކުނިނުވާ" އަދި "ޕްލާސްޓިކް" ޖަހާފައިވާ މަންޒަރެވެ. އަދި ގޭބިސީތަކުގައި ބަހައްޓާފައި ހުންނަ ޑަސްބިންތަކުގައި ވެސް އެ ހުރިހާ ބާވަތްތަކެއް ވަކިކޮށްފައި ހުރި މަންޒަރު ފެނެ އެވެ.
https://twitter.com/WAMCOmv/status/1532054620637261824
ވެމްކޯއިން ބުނީ ކަސްޓަމަރުންގެ ފަރާތުން ލިބުނު "ޕޮޒިޓިވް ރެސްޕޮންސް" އިން ސަޕްރައިޒްވި ކަމަށެވެ. ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް ފެންނަނީ އެންގުންތަކަށް ކިޔަމަންތެރިވާ މަންޒަރު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން މިހާރު އަމަލުކުރަން ފަށާފައިވާ ގޮތުން ކުނިކޮތަޅު ވަކިކޮށްފައި ކުރިން ވެސް ބަހައްޓާ ސަރަހައްދުގައި ބެހެއްޓުމުން ކުނި ނަގަންދާ މީހުން އެތަނަކުން ކުނި ނަގައިގެން އެއީ ކޮންކަހަލަ ކުންޏެއްކަން ދެނެގަންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް