ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު، މޯނިންގސަން، މިސްބާހް މުހައްމަދު ވަނީ ރާއްޖެއިން ބޭރުގައި "ރަހުނު" ކޮށްފައި ކަމަށްް ފުލުހުން ބުނެފިއެވެ.
އޭނާ މާލެ އައިސްފައިވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ. އޭރުންސުރެ ފުލުހުންނަށް މިސްބާހު ގެއްލިގެން އާއިލާއިން މައްސަލަ ހުށަހަޅާފައިވާއިރު ފުލުހުން އާންމުންގެ އެހީތެރި ކަމަށް އެދުނީ މިދިޔަ މަހު ކުރީ ކޮޅެވެ.
މި މައްސަލައިގަ މިރޭ ފުލުހުން ބުނީ އޭނާ ހުރި ކަމަށް ބެލެވެނީ ޕާކިސްތާނުގައި ކަމަށެވެ. އޭނާ ޕާކިސްތާނަށް ދިޔައީ މިދިޔަ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ ރާއްޖެއިން ދުބާއީއަށް ގޮސް ދުބާއީ މަގުން މިދިޔަ އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހު ކަމަށެވެ.
ފުލުހުން ބުނީ އިމިގްރޭޝަންގެ ރެކޯޑުތަކުން ދައްކާގޮތުގައި އޭނާ ރާއްޖެއިން ދުބާއީއަށް ދިޔައީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، އައްޑޫ ސިޓީ ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އާ އެކު ކަމަށެވެ. އެކަމަކު އިރުފާން ވަނީ ވަނީ ނޮވެމްބަރު މަހުގެ22 ވަނަ ދުވަހު އެނބުރި ދުބާއީ ރާއްޖެ އައިސްފަ ކަމަށް ފުލުހުން ބުނެ އެވެ.
އިރުފާން ވަނީ 2020 ޑިސެމްބަރު 08 ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯންޏެއްގައި ކަންޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެމީހުން ރާއްޖެއިން ދުބާއީއަށް ފުރި ދުވަހު އެއާޕޯޓަށް ގޮސްފައިވަނީ 72 ކިލޯގެ މަސްތުވާތަކެތި ފެނުނީ ކާރުގައި ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުނ މިސްބާހު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކުރަނިކޮށް ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެންނެވެ. އަދި އިރުފާންއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ރަހުނު" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭކަމަށެވެ.
އިރުފާންގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމައި މި އަހަރުގެ ފެބްރިއަރީ 03 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު ޕިޖީ އޮފީހުންް ވަނީ ފެބްރުއަރީ 14 ގައި އޭނާ އާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައެވެ. މި މައްސަލާގައި އިރުފާންއާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް