ހދ. ކުޅުދުއްފުށި ސިޓީއިން ޒުވާނަކު ރަހީނުކޮށްގެން ގެންގޮސް އަނިޔާކުރި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 15 ދުވަހަށް ބަންދުކުރުމުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާކަމަށާއި މި މައްސަލައާ ގުޅިގެން އިއްޔެ ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކު ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ޒުވާނާ ރަހީނުކޮށްގެން ގެންދިޔަކަމަށް ބެލެވޭ ކާރު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމެގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ފުލުހުން މީގެ ކުރިން ބުނީ, ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ޒުވާނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށްފައި ވާކަމަށެވެ. މިކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މެއި 29 ވަނަ ދުވަހުގެ ރޭ 20:48 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެނގިފައިވާ ގޮތުގައި އެ ޒުވާނާއަށް އަނިޔާކުރީ ވައްކަން ކުރާތީކަމަށް ބުނެއެވެ.
ޒުވާނާއަށް ލިބުނު އަނިޔާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. އަދި އޭނާގެ ހާލު ދެރަވެ އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު އަންނީ އޭޑީކޭގައި ފަރުވާދެމުންނެވެ.
މި ޒުވާނާގެ ބޮލުގެ ނާށިގަނޑުގެ ދެ ފަރާތުން ފަޅައިގެން ގޮސް ސިކުނޑިއަށް ގިނަ އަދަދަކަށް ލޭ އެޅިފައިވާތީ، ބޮލުގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވާކަމަށް މަޢުލޫމާތުލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް